ފައްކަނޑަން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާފައިވާކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ،

ވަރީގެ މައްޗަށް އަލިއަޅުވާލައިފައިވާ މިއަދުގެ ހުތުބާގައި ބުނީ ކައިވެންޏަކީ މަތިވެރި ގުޅުމެއް ކަމަށާއި ކައިވެންޏާއި ވަރިއަކީ އެކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަމެއް ނޫންކަމަށެވެ.

އެހެން ނަމަވެސް ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުންކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އަދި ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ އިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައިކަން ހުތުބާގައި ބުނެފައި ވެއެވެ.

"އެއީ އެ ހާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫއަކުރުމުގެ ހައްގު އޮންނާތީ އެވެ. އެއީ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އިއްދައިގެ މުއްދަތުގައި ފިރިމީހާ އޭނާގެ އަނބިމީހާ ދިރިއުޅޭނެ ތަނަކާއި ހަރަދު ދޭން ޖެހޭނެ ކަމަށާއި އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަންނަން ޖެހޭނެކަން ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަށެވެ.

"ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑާން މީހަކާ އިނުމަކީ ހަރާމްކަމެކެވެ. ފަށްކަނޑާން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލައުނަތްލައްވައިފައިވާ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވައިފައި ވެއެވެ. ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް ﷲ ލައުނަތްލެއްވި އެވެ." ހުތުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން