ޑރ. މުޙައްމަދު ޒާހިރު ޙުސައިން
ޑރ. މުޙައްމަދު ޒާހިރު ޙުސައިން
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެ ކަމަށެވެ.

އެގޮތުން މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.

މީގެއިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން