އަމިއްލަ ބޭނުމަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް ފަތުރުވެރިކަމުގެ ވިސާގައި އަންނަ ފަރާތްތަކަށް ގެނެވޭ މިންވަރު ބޮޑުތަނުން ދަށްކޮށް ގަވާއިދު ހަރުކަށިކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާބެހޭ ގޮތުން ގާނޫނަށް ގެނައި އިސްލާހާއިއެކު ގަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން ނޮވެމްބަރު ނުވަވަނަ ދުވަހުން ފެށިގެން އަމިއްލަ ބޭނުމަށް މިތަކެތި ގެނެވޭނީ ފަތުރުވެރިކަމުގެ ވިސާގައި އަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

ފަތުރުވެރިކަމުގެ ވިސާގައި އަންނަ ފަރާތްތަކަށްވެސް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް ގެނެވޭނީ ވަކި ވަރަކަށް ކަމަށް ކަސްޓަމުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އަންނައިރު ދެން އެތެރެކުރެވޭނީ 200 ސިނގިރެޓް، ނުވަތަ 25 ސިގަރ (ސުއްޓާ)، ނުވަތަ 250 ގްރާމް ޓޮބެކޯ ކަމަށާއި މި އަދަދަށް ގެންނަ ތަކެތިން ޑިއުޓީ އިސްތިސްނާ ވާނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ހާމަކުރި ލިމިޓްތަކަށްވުރެ އިތުރުވާ އަދަދުތައް ކަސްޓަމްސްއިން 30 ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެ ކަމަށާއި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން މި ތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކަސްޓަމްސްގެ ޑިޕާޗާ ޓާމިނަލުން ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުގެ ތެރެއިން ފަތުރުވެރިން އިސްތިސްނާ ވާއިރު މިތަކެތި އެތެކުރާ އެހެނިހެން ފަރާތްތަކުން ރާއްޖެއަށް ގެންނަ ދުންފަތުގެ ބާވަތްތައް ހިފެހެއްޓޭނެ ކަމަށް އެ އިދާރާއިން ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުމުގެ ހަރުކަށި އުސޫލުތައް އާންމުކޮށްފައިވާއިރު މިފަދަ ތަކެތިން ނަގާ ޓެކްސްވެސް ވަނީ އެތައް ގުނައަކުން އިތުރުކޮށްފައެވެ. އަދި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން