ކޯވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތް ވެސް ހުރީ ކުޑަކޮށް ކަމަށެވެ. 

ރޭ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ރައީސް މައުމޫން ޓްވީޓާ މެދުވެރިކޮށް ވަނީ ހިއްސާކުރައްވާފައެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ވަނީ ފަށާފަ އެވެ. ރައީސް މައުމޫންގެ އުމުރުފުޅުން 80 އަހަރަށް ވުރެ ދުވަސްވެފައިވާއިރު ކޮވިޑަކީ އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން، އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ހައި ރިސްކް ކެޓަގަރީގަ އެވެ. 

ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރައީސް މައުމޫން ޓްވީޓާގައި ހާމަކުރެއްވުމާއެކު ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް  އެދި ހެޔޮ ދުއާ ފޮނުވަމުންނެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރާއްޖެ މިދެކޭ ތަރައްގީގެ ބާނީ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން