ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް
ފައިވް ސްޓާ ރިސޯޓާއެކު އެމްއެންޔޫ ހޮޓެލް ސްކޫލު ހުޅުވައިލެވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަނަށް ހޮސްޕިޓާލިޓީ ދާއިރާއިން ކިޔަވަަން މީހުން އައުމަކީ އުންމީދެއް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ލ. ހުޅިމެންދޫގައި ޤާއިމް ކުރުމުގެ އެމްއޯޔޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަތުރުވެރިކަމާބެހޭ ވުޒާރާއާއެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފުރުސަތުތައް މިވީހާ ތަނަށް އޮތީ އެކަށީގެންވާ ގޮތެއްގައި ފަހިނުކުރެވި ކަމަށެވެ. ނަމަވެސް އެމްއެންޔޫ އިން މިފަށާ މަސައްކަތާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ދިވެހި ޒުވާނުން ރާއްޖެ ދޫކޮށް ދެން ބޭރަށް ދާންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

“އަޅުގަނޑަށް ގަބޫލުކުރެވެނީ މި ހޮޓެލް ސްކޫލުވާނީ ދުނިޔޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ހޮޓެލް ސްކޫލަކަށް ކަމުގައި.. މޯލްޑިވްސް އޭ ބުނުމުން ދުނިޔޭގެ ފަތުރުވެރިންނަށް ސިފަވަނީ ރާއްޖޭގެ ރީތިކަމާއި ހޮސްޕިޓާލިޓީ.” ފައިސަަލް ވިދާޅުވި އެވެ.

ހަމައެއާއެކު ފައިސަލް ވިދާޅުވީ މިހާރު ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި ލ. އަތޮޅުގައި އެމްއެންޔޫގެ ޓްރެއިނިންގ ސްކޫލް އަޅަނީ އެ ސަރަޙަށްދަށްވެސް ފަތުރުވެރިކަން ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އެމްއެންޔޫން ބުނެފައިވަނީ އެ ޔުނިވަރސިޓީން ރިސޯޓު ތަރައްޤީ ކުރާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް އިސްކަންދީގެން ކަމަށެވެ. އަދި އެ ރިސޯޓުން އެސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޢުލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ ހަމަކުރާނެ ކަމަށްވެސް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން