ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާޢަތުން ދަޢުލަތަށް 746 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ދަޢުލަތަށް ޓެކުހާއި ފީއާއި ކުލީގެ ގޮތުގައި ދަޢުލަތަށް ޢާމްދަނީ ލިބިފައިވަނީ ޑޮލަރުންނެވެ.

އެގޮތުން ގްރީން ޓެކުހުގެ ގޮތުގައި 52.7 މިލިއަން ޑޮލަރު ލިބިފައިވާއިރު ޓީޖީއެސްޓީގެ ގޮތުގައި 469.05 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 55.2 މިލިއަން ޑޮލަރު ދަޢުލަތަށް ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.8 އިންސައްތަ އިތުރު ޢަދަދެކެވެ.

އޭގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 56.1 މިލިއަން ޑޮލަރު ލިބިފައިވާއިރު އެކުއިޒިޝަން ފީގެ ގޮތުގައި 6.3 މިލިއަން ޑޮލަރު އަދި ލީސް އެކްސްޓެންޝަންގެ ގޮތުގައި 15 މިލިއަން ޑޮލަރު ދަޢުލަތަށް ލިބިފައިވެއެވެ. ހަމައެއާއެކު ޓޫރިޒަމް ރެންޓްގެ ގޮތުގައި 92.3 މިލިއަން ޑޮލަރު ލިބިފައިވާއިރު ޓޫރިޒަމް އެޑްމިޝަން ފީގެ ގޮތުގައި 1 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 35.8 އިންސައްތަ އިތުރު ޢަދަދެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދަޢުލަތަށް ލިބުނު ޢާމްދަނީ އިތުރުވެފައިވާއިރު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.8 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން