ހެލްތު މިނިސްޓަރ އަމީން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ
ހެލްތު މިނިސްޓަރ އަމީން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަނެއްކާވެސް މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަމީން ކުރިން ފޮނުއްވި މައުލޫމާތުގައި ވިދާޅުވެފައިވަނީ ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަށް ވެންޓިލޭޓަރުތައް ގެނެސްދޭން ހަވާލުކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ކޮވިޑް ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެއީ ޑަބްލިއުއެޗްއޯއިން ލަފާ ދިން ކުންފުންޏެއް ނޫން ކަމަށެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކަށް މިނިސްޓަރ އަމީން އަރައިގަނެފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ އެމައްސަ ބަލަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކްގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިއަދު ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ މި މައްސަލަ ބެލުމަށްޓަކައި މިނިސްޓަރ އަމީން ކޮންމެހެން ވެސް ހާޒިރުކޮށް އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

މަޖިލީހަށް ހުށަހެޅީ ތެދު މައުލޫމާތުކަން ސާބިތުކޮށްދެވޭ ވަރަށް މިނިސްޓަރ އަމީނަށް ހެކި ހުށަހެޅެން އޮތް ނަމަ އެ ފުރުސަތު ވެސް ދޭން ވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. މި މަސައްކަތް އަވަހަށް ނިންމަން ޖެހޭނެ ކަމަށް ކޮމިޓީގެ އެހެން މެންބަރުން ފާހަގަކުރައްވާ ކަންކަމަށް ވެސް ތާއީދު ކުރެވޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ މައްސަލަ ނިންމުމަށް ކޮމެޓީއިން ވަނީ ނިއްމާފައެވެ. އެގޮތުން އެމައްސަލައިގައި ވީހާ ވެސް އަވަހަށް އަމީން ހާޒިރު ކުރަން ވެސް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. އެކަމަކު އަމީން ހާޒިރު ކުރާނެ ވަކި ތާރީހެއް ކޮމިޓީން އަދި ނިއްމާފައެއް ނުވެއެވެ.

މި މައްސަލާގައި އިމްތިޔާޒުގެ ކޮމިޓީއަށްވެސް މިނިސްޓަރ އަމީން ހާޒިރުކުރަން ނިންމައިފައިވާއިރު ހެލްތު މިނިސްޓްރީގެ އެ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް މިނިސްޓަރ އަމީން ވަނީ ހާޒިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން