ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މައުލޫމާތު ދެއްވަނީ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މައުލޫމާތު ދެއްވަނީ
ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް، ސަރުކާރުން ދޫކުރާ ލޯނު ސްކީމުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ޖާގައެއް ކަށަވަރުވާ ގޮތަށް ލޯން ސްކީމް އިއުލާންކުރުމަށް ވިސްނަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ،  އިންތިހާބީ ދާއިރާއަށް ހާއްސަކޮށްގެން ކެޓަގަރީއެއް އިއުލާން ކުރުމަށްވުރެ، ރާއްޖޭގެ ކޮންމެ ރަށަކަށް ހާއްސަކޮށްގެން ކެޓަގަރީއެއް އިއުލާން ކުރުމުގެ ވިސްނުމެއް މިހާރު ގެންގުޅޭ ކަމަށެވެ. އަދި އެއީ ރަށްތަކުގެ ތަރައްގީއާ މީހުން ބިނާކުރުމަށް ރަނގަޅު ވިސްނުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް މިނިސްޓަރ އިބްރާހީމް ހަސަން ވިދާޅުވި އެވެ.

ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދާ ދިނުމަށް، ސަރުކާރުން ދޫކުރާ ލޯނު ސްކީމުގައި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތަށް ކޮންމެ ދާއިރާއަކަށް ހާއްސަކޮށްގެން ޖާގައެއް ކަށަވަރު ކޮށްދިން ނަމަވެސް އެ ކެޓަގަރީން ކުރިމަތިލާ ފަރާތްތައް މަދުކަން  މިނިސްޓަރ ކޮމެޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، އިދާރީ ދާއިރާތަކަށް ހާއްސަކޮށްގެން ކެޓަގަރީއަށް ހުޅުވާލުމުން، އެކެޓަގަރީން ކުރިމަތިލީ 46 ދަރިވަރުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާ ހިމެނެއެވެ. އިއުލާން ކުރެވޭ ލޯނު ސްކީމަށް ރާއްޖޭގެ ކޮންމެ ރަށަކަށް ހާއްސަކޮށްގެން، ކެޓަގަރީއެއް އިއުލާން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިދާރީ 87 ދާއިރާއަށް އިއުލާން ކުރުމުން އެންމެ ގިނަ ވެގެންވެސް އެދެވެނީ 87 ލޯނު ސްކީމް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކަށް ޖާގައެއް ކަށަވަރުވާ ގޮތަށް ލޯނު ސްކީމެއް އިއުލާން ކުރާނަމަ، އެއީ 192 ޖާގަ ކަމަށް ވެސް އިބްރާހީމް ހަސަން ފާހަގަކުރެއްވިއެވެ. މަތީ ތައުލީމުގެ ލޯނަށް އެދެން ހުޅުވާލި ފުރުސަަތު ގައި ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރުންނަށް މަތީ ތައުލީމްގެ ލޯން ދޫކޮށްފައިވާ ކަމަށް މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން