ރައީސް ސޯލިހް ޑރ.މައުސޫމަށް މަގާމުގެ ފަތްކޮޅު ދެއްވަނީ
ރައީސް ސޯލިހް ޑރ.މައުސޫމަށް މަގާމުގެ ފަތްކޮޅު ދެއްވަނީ
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ދާދި ފަހުން އައްޔަނު ކުރެއްވި ޑރ. އަބްދުﷲ މައުސޫމް، ކުރެއްވި ވަޒީރު ކަމުގެ ހުވާގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާތީވެ ދެ ވަނަ ފަހަރަށް ހުވާ ކުރެއްވުމަށް ރައީސް އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މައުސޫމް ދެ ވަނަ ފަހަރަށް ހުވާ ކުރެއްވުމަށް ރައީސް އޮފީހަށް އަންގަން ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ވަހީދު ވަނީ ހުށައަޅުއްވާފައެވެ. އަބްދުﷲ ވަހީދުގެ ހުށަހެޅުއްވުމަށް އެމްޑީޕީގެ މެންބަރުންނާއި ކޮމިޓީގައި ތިއްބަވާ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ތާއީދު ކުރެއްވިއެވެ. އެ ހުށަހެޅުއްވުމާ އެއް ގޮތަށް ކޮމިޓީގެ ފަރާތުން ރައީސް އޮފީހަށް އެ ކަން އަންގަން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވަޒީރުން މަގާމުގެ ހުވާ ކުރައްވާއިރު ރެކޯޑް ސާފުކުރުމަކީ އާންމުކޮށް އަމަލު ކުރާ އުސޫލެއް ވެސް ނޫން ކަން ފާހަަގަކުރައްވާފައެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު ހަވާލުވުމާއެކު ވިޔަފާރި ދޫކޮށްލާފައިވާތީ އަލުން ހުވާ ކުރައްވަން ޖެހޭ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ކަމަށް ވިދާޅުވެ އެމައްސަލަ ފެންމަތިކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ ނުވަނަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމަށްފަހުއެވެ. މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މައުސޫމް ހުންނެވީ، މި ސަރުކާރުގެ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން