ބީއެމްއެލް (ފޮޓޯ: ސޯޝަލް މީޑިއާ)
ބީއެމްއެލް (ފޮޓޯ: ސޯޝަލް މީޑިއާ)
ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ، "ވިސާ ޑައިރެކްޓް" އަދި "މާސްޓާ ކާޑް ސެންޑް" ފަދަ ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ހުރިހާ ފައިސާއެއް ދެން ޖަމާކުރެވޭނީ އެ ފަރާތެއްގެ ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ.

އެހެންނަމަވެސް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އަދި ރުފިޔާ އެކައުންޓަށް ފައިސާ ޖަމާވާތީ، ދެން ފައިސާ ނެގޭނީ ވެސް ރުފިޔާ އިންނެވެ.

ބީއެމްއެލް އިން ބުނީ، މި ބަދަލުގެ އަސަރު އެހެން ގޮތްގޮތުން ކުރާ ފައިސާގެ މުއާމަލާތްތަކަށް ނުކުރާނެ ކަމަށެވެ. އެގޮތުން، ޓީޓީ ފަދަ ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް އަދިވެސް ޑޮލަރުން ލިބޭނެ އެވެ.

ބޭންކުން މިގެނައި ބަދަލަކީ އޮންލައިން ޕްލެޓް ފޯމްތަކުގައި ބީއެމްއެލްގެ ކާޑުތަކުގެ ބޭނުން ކޮށްގެން އެކި ކަހަލަ ޑިޖިޓަލް ވިޔަފާރީގެ މުއާމަލާތްތައް ކޮށްގެން ލިބޭ ފައިސާ ނުވަތަ އާމްދަނީ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުމުގެ ބަދަލުގައި އެފައިސާ އޭނާ ޚަރަދު ކުރި ރުފިޔާ އެކައުންޓަށް ޖަމާވާ ގޮތަށް ހެދުމެވެ. މިގޮތަށް ހެދުމުން ބޭންކްގައި އާންމުކޮށް ބޭނުން ކުރަން ހުންނަ ޑޮލަރު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށް ބޭންކިންގ ދާއިރާގައި މަސައްކަތް ކުރައްވާ އޮފިޝަލަކު "ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

"އަސްލު މިދައްކަނީ ބަޔަކު ޑޮލަރު ބޭނުން ކޮށްގެން ކުރާ މުއާމަލާތެއްގެ ވާހަކައެއްނޫން. އަސްލު މިވާގޮތަކީ ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ބީއެމްއެލްއިން ދޫކުރާ ކާޑުތަކުގެ އެހީގައި، މި މުއާމަލާތްތައް ހިންގަނީ. މި މުއާމަލާތް ހިންގާ މީހުން މި ބުނަނީ ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ޓްރޭޑްކޮށްގެން ލިބޭ ފައިސާ ނޫނީ ފައިދާ، އެމީހުންގެ ޑޮލަރު އެކައުންޓަށް ޖަމާކުރަން. ދެން އެއްކަލަ ރުފިޔާ އެކައުންޓުން ކާޑު ބޭނުން ކޮށްގެން ކުރާ މިމުމައާމަލާތައް ބޭންކުން ބޭރަށް ދައްކަން މިޖެހެނީ ޑޮލަރުން. އޭގެ ބަދަލުގައި މި މުއާމަލާތް ކުރާ މީހާއަށް ލިބޭ ފައިސާ މިބުނަނީ އޭނާގެ ޑޮލަރ އެކައުންޓަށް ޖަމާ ކުރަން. މިހެން މިކަން ކުރީމާ ބޭންކްގައި ހުންނަ ޑޮލަރުކޮޅު ބޭރަށް ވެސް މިދަނީ އަދި މި މުއާމަލާތް ކުރާ ފަރާތުން ވެސް ނަގަނީ." ބީއެމްއެލް އިން މިގެނައި ބަދަލާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން އޮޅުވާލުމަށް ދައްކާ ވާހަކަ ތަކުގެ ހަގީގަތް އޮޅުން ފިލުވައި ދެމުން ނޫހަށް މައުލޫމާތު ދެއްވި އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ނަންހާމަ ނުކުރުމަށް އެދި ވިދާޅުވިއެވެ.

މި ބަދަލު ގެނައިއިރު، ކޯވިޑް-19 އާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ޑޮލަރު ލިބުމުގެ ދަތިކަން ވަނީ ކުރިމަތި ވެފައެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ގާތްގަނޑަކަށް 20 ރުފިޔާ އަށް އަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން