ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށާފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ރާޝިދު ވިދާޅުވީ ފަރުވާއަށް ނުގޮސް މަގުމަތީގަ، ހުކުމް ތަންފީޒުނުވެ ހުރުމުގެ ފުރުސަތު ދެން ނުދެއްވާނެކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ މިހާރުވެސް ފަރުވާއަށް އަންނަން ޖެހޭ 200އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި އެކި ހާލަތްތަކުގައި ތިބި މީހުން ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފަ ތިބި މީހުންވެސް އެބަތިބި. ބޮޑަށް މި ފޯކަސްކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށްނުވަދެ ތިބި މީހުން ހަމަމަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން." ރާޝިދު ވިދާޅުވި އެވެ.

ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައިވާއިރު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.

އެ މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން