ޑރ. މައުސޫމް
ޑރ. މައުސޫމް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަތުން މިހާރު ނަގާ ފައިސާ ވާދަވެރި އަގެއްގައި ވަކިވަރެއްގައި ހިފަހައްޓައި ދިނުމަށް އެދާއިރާގެ ވިޔަފާރިކުރާ ފަރާތްތަކުގެ ކިބައިން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް އެދިވަޑައިގެންފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ނުވާގޮތަށް ފަތުރުވެރިންގެ އަތުން މިހާރު ނަގާ އަގުތަކަކީ ވާދަވެރި ވަކިވަރެއްގައި ހިފަހައްޓާ އަގުތަކެއް ކަމަށް ހެދުމަށް އެދާއިރާގެ ވިޔަފާރި ކުރާ ފަރާތްތަކުން އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށެވެ. މިޒަމާނަކީ ވިޔަފާރި އަގުތަކާއި ސަރުކާރުން ކުޅޭ ޒަމާނެއް ނޫން ކަމަށާއި އެކަން އޮންނަނީ ފްރީމާކެޓަށް ދޫކޮށްލާފައި ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"އަޅުގަނޑު އިލްތިމާސްކުރަނީ އިންޑަސްޓްރީ އަށް ގެއްލުންވާގޮތަށް އަގުތައް ތިރިނުކޮށްލައި އަމިއްލައަށް ކޮންމެވެސް އެއްބަސްވުމެއްގެ ތެރެއިން އަގުތަށް ވަކިވަރެއްގައި ހިފަހައްޓަވައިދެއްވާށޭ، އޭރުން ފަތުރުވެރިން އަތުން ލިބޭ އެއްޗެއް ވެސް ރަނގަޅުވާނީ. ރާއްޖެ އެކަންޏެއް ނޫން މިމާކެޓަށް މިވަންނަނީ، އެހެން ވާދަވެރި ގައުމުތަކުން ވެސް މި މާކެޓަށް ވަންނާނެ. އަޅުގަނޑުމެން އެބަޖެހޭ މީހުން ގެންނަވަރަށް އަގުތައް ވާދަވެރިކޮށް ހިފަހައްޓާލެވޭ ވަރަށް ބަހައްޓަން. އަގުތައް ތިރިކުރަން ޖެހިއްޖެއްޔާ ތިރިކުރަން. އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ވާދަވެރިކަމުގައި ގޮސް، އެހާ ބޮޑު ގެއްލުމަކަށް ދިޔުން ބުއްދިވެރިއެއް ނުވާނެ."މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މިއަހަރު އެއްލައްކަ ވިހިހާސް ފަތުރުވެރިން ރާއްޖެ އަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް ހާލަތު ރަނގަޅު ވެއްޖެނަމަ މިއަހަރު ނިމެންވާއިރަށް ފަސްލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"އޭގެ މާނައަކީ ހަ ލައްކަ ވިހި ހާސްވަރު އެއީ ބެޑް ނައިޓަށް ބަލާއިރު 10 މިލިއަން ފަސްދޮޅަސް ހާސް ބެޑް ނައިޓް މިދިޔަ އަހަރު ލިބިފައި އޮތީ، މިފަހަރު ބެޑް ނައިޓްގެ ގޮތުން 50 ޕަސެންޓް ލިބޭނެ. އެހެން ނަމަވެސް ޓޫރިސްޓުންގެ އަދަދުގެ ގޮތުން މިހާރުގެ އަންދާޒާއަކީ މިދިޔަ އަހަރަށްވުރެ 70 ޕަސެންޓް ދަށްވެދާނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވޭކަމަށް މައުސޫމް ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ކުރާ ފަރާތްތަކަށް އުފާކުރާނެ ކަމެއް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު މީގެ ދެތިން އަހަރު ކުރިން ފަހެއް ހަޔެއްގައި ހުރިނަމަވެސް މަޑުމަޑުން އިތުރުވަމުން އައިސް ހަޔެއް ހަތެއްގައި ހުރެފައި މިދިޔަ ދުވަސްކޮޅަށް ބަލާއިރު ވަރަށް ދިގު. އެހެން ދެއްތޯވާނީ، ފްލައިޓްތައް ނެތީމާ ދިގުވާނެތާ ގެސްޓަކު ރާއްޖޭގައި ހޭދަކުރާ މުއްދަތު ދެން ދިގުވެގެންދާނެ. އެއީ ރަނގަޅު ޚަބަރެއް. ސަފާރީތަކަށް ގެސްޓްހައުސްތަކަށް ވެސް މިއީ މިހާރު އަންނަ މީހުން 14 ދުވަހު ތިބޭނެ ކަމަށް އަންދާޒާކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިހާރު ވެސް ގިނަ މަސައްކަތްތައްް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ފަހަކަށް އައިސް އިތުރުވަމުންދާތީ ބޭރުގެ ފަރާތްތަކަށް ރަނގަޅު މެސެެޖެއް ނުދެވޭނެ ކަމަށާއި ރަނގަޅު މެސެޖެއް ދޭން ބޭނުންވާނަމަ އެ އަދަދުތައް ތިރިކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޖުލައި 15 އިގެ ފަހުން 1500 ޓޫރިސްޓުން ރާއްޖެ އައި، އޮގަސްޓް މަހު މި އަންދާޒާކުރަނީ 6000 ވަރު އަންނާނެ ކަމަށް. ދެން ސެޕްޓެންބަރ އޮކްޓޫންބަރ، ނޮވެމްބަރ އަޅުގަނޑުމެންނަށް ފެނޭ. އެކަމަކު ކޮވިޑްގެ ނަންބަރުތައް ދަށައް ގޮސްފިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ކުރިއެރުމެއް ލިބޭނީ." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން