އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
ދަޢުލަތުގެ ހަރަދުތައް ކުރަމުން އަންނަނީ ދެމެހެއްޓެނިވި ނިޒާމެއްގައި ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް އޮޑިޓް އޮފީހުން ދިން ލަފާގައި ބުނެފައިވަނީ ދަޢުލަތުގެ ދަރަނި މެނޭޖް ކުރެވިފައި ނުވަނީ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ފިޔަވަޅުތައް އެޅުން ލަސްވުމުން ކަމަށެވެ.

އެގޮތުން ދަޢުލަތުން ބައެއް ޚަރަދުތައް ކުރަމުން އަންނަނީ ދެމެހެއްޓެނިވި ނިޒާމެއްގައި ނޫން ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ 2022 ގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 5.9 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް 2023 ވަނަ އަހަރު އެ ޢަދަދު 7.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖޫންގެ ނިޔަލަށް މި އަދަދު ވަނީ 10 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު 10 ބިލިއަނަށް އަރާއިރު ދައްކަންޖެހޭ ފައިސާއާ ގުޅިގެން ދީފައިވާ އެކި ލުއިގެ ސަބަބުން އިތުރު ނުވަ ބިލިއަން ރުފިޔާއެއް ނުލިބޭނެކަމަށް ނިންމާފައިވާކަން އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބަޖެޓް ކުރި މިންވަރަށް ވުރެ އިތުރަށް ހަރަދު ހިނގާ ކަމަށާއި ބަޖެޓުގައި ހިމެނިފައިވާ ގިނަ ޕްރޮޖެކްޓްތައް ނުހިންގޭ ކަންވެސް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

މީގެ މައިގަނޑު ސަބަބަކީ މީރާގައި އޮތް ތަންފީޒު ކުރުމުގެ ބާރު ދަށްވެފައިވުން ކަމަށް އޮޑިޓް އޮފީހުން މަޖިލީހުގައި މިއަދު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން