މިހާރު ފެނިގެންދަނީ މިނިވަން މުއައްސަސާތަކަށް އާއިލީ ބޭފުޅުންނާއި، މަސްލަހަތު ހިމެނޭ ބޭފުޅުން އައްޔަންކޮށް ފުރިބާރުވާ ތަންކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސިވިލްސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވާ 4 ބޭފުޅުންނާއި ގުޅޭގޮތުން ދިޔާނާ ފާޅުކުރެއްވި ޚިޔާލުގައި ވިދާޅުވީ އާއިލީ މަސްލަހަތުތަކާއި ގާތްތިމާގެ ބޭފުޅުން މިނިވަން ކޮމިޝަންތަކަށް އައްޔަންކޮށް ފުރިބާރުވާތަން މިއަދު ފެންނަމުންދާކަމަށެވެ. މިއީ ކޮމިޝަންތަކުގެ މިނިވަންކަން ގެއްލި މަސްލަހަތު އެކުލެވޭގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި ގޮތުގައި ދިޔާނާ ވަނީ ސިފަކުރައްވާފައެވެ.

މިއަދު ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ގާނޫނޫ އަސާސީގެ ދަށުން ރައްޔިތުންނާއި ހަމައިން ކަންކަން ނިންމަންޖެހޭ އިރު އެކަންކަން ފެންނަމުން ނުދާކަމަށް ދިޔާނާ ވިދާޅުވިއެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށްވާއިރު އަދި ވެރިކަމުގެ ނިޒާމު އެކުލެވިގެންވަނީ އާންމު ރައްޔިތުންގެ ބާރާއިވެސް އެކުގައިކަމަށްވާއިރު އާއިލީ މަސްހަލަތާއި ތިމާގެ އަމިއްލަ މަސްލަހަތު އިސްކުރުމަކީ ހިތާމަހުރި ކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

"މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރައްވާ އިރު ދައްތަ އާއި ބޮޑު ދައިތައާއި އަނބިކަބަލުންނާއި ބަފާބެ ލާ ނިންމަވާލެއްވީމާ ވީ. ގިނަ ނުބައި ނުނިކުމޭ. މުއައްސަސާތަކަށް މީހުން ނެންގެވުމުގަ އޮބްޖެކްޓިވް ގްރައުންޑުން ކަންކަން ނިންމެވުން މުހިންމު. މެރިޓޯކްރަސީގެ ވިސްނުން ގެންގުޅެންޖެހޭ." ސާކްގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ދިޔާނާ ވިދާޅުވިއެވެ.

މަސްލަހަތު ހިމެނޭކަމަށް ވިދާޅުވި މެމްބަރާއިއެކު ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކަށް އެމްޑީޕީން ވަނީ ތްރީލައިންވިޕް ނެރެފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީން ސީއެސްސީއަށް ކަނޑައަޅާ 4 މެމްބަރަކަށް ތްރީލައިން ވިޕެއް ނެރަފައިވަނީ ޝޯޓް ލިސްޓު ކުރެވުނު 13 ނަމުގެ ތެރޭގައި މަސްލަހަތު ހިމެނޭ ނަމެއް އޮތްކަމަށްބުނެ އެމައްސަލަ މަޖިލީހުގެ އިމްތިޒާޔާއި ސުލޫކް ކޮމިޓީންވެސް ބަލާފައި ވަނިކޮށެވެ.

ސީއެސްސީއަށް ހުށަހެޅި މެމްބަރުންގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ބެހޭކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ހިމެނޭތީ އެކަން މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން މައްސަލަ ނެންގެވީވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް ތްރީލައިން ވިޕް ނެރުނުއިރު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފުގެ ނަންފުޅު ވަނީ ހިމަނާފައެވެ. ތްރީލައިން ވިޕް ނެރުނު އަނެއް 3 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތުގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވާފައިވާ އިބްރާހިމް ރަޝީދަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން