އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް މުޅިރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްދެއްވަނީ
އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް މުޅިރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްދެއްވަނީ
އަންނަ އަހަރު ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އިޙްސާން ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުން ތިބި ހިސާބަކުން ލިބޭނެކަމުގެ ޔަގީންކަން ލިބިގެން ދިއުމަކީ ވަރަށްބޮޑު ކާމިޔާބެއްކަމަށެވެ.

އަދި އައިޑީކާޑާއި ޕާސްޕޯޓަކީ ވަރަށް ރައްކާތެރިކަމާއެކު ބެލެހެއްޓޭ ނިޒާމަކަށް ވާތީ އެޚިދުމަތް އަތޮޅުތެރެއަށް ފުޅާވީ ނަމަވެސް ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެއްވެސް އެޕްލިކޭޝަނެއް ޕްރިންޓް ކުރުމުގެ ހުއްދަ ދޭނީ ބަލަންޖެހޭ ކަންކަން ބަލައި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށް އިޙްސާން ވިދާޅުވިއެވެ.

“ރައީސްގެ ރިޔާސީ ވައުދުފުޅެއް ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓް ކުރެވި ދޫކުރެވި އަދި އޭގެ އިތުރުން ޕާސްޕޯޓު ދޫކުރެވޭނެ ހިދުމަތް ފެށިގެން ދިއުމަކީ،” އިޙްސާން ވިދާޅުވިއެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު މުޅި ރާއްޖެއަށް އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ފުޅާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ގްރޭޓާ މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ޚިދުމަތް ފަށާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.

ހަމައެއާއެކު މިއަދުގެ ރަސްމިއްޔާތުގައި ވަނީ އަންނަ އަހަރު މި ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން ނިންމާފައިވާގޮތުގެ މަގުޗާޓުވެސް ޙިއްސާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން