ރ.މަޑުއްވަރީއާއި، ށ،ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ މިމަހުގެ 25 ވަނަ ދުވަހުގެ އެރަރަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑު ހަލާކުވެ، ޒަމާނީ ބަނދަރެއްގެ ބޭނުން އެރަށަށް ޖެހިފައިވާތީއެވެ. އައު ބަނދަރުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 29 ނޮވެމްބަރު 2019 ގައެވެ.

އެމް.ޓީ.ސީ.ސީން ބުނީ، މަޑުއްވަރީގައި އަލަށް ހަދާ ބަނދަރު ފުންކުރުމުގެ 90 އިންސައްތަ މަސައްކަތާއި، ނެރު ފުން ކުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ބަނދަރު ހެދުމަށް އެރަށުގެ ފަޅުން ޖުމްލަ 72،800 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބަނދަރަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން 411 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 135 މީޓަރު ރިވެޓްމަންޓް ޖަހާ، 566 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަޑުއްވަރީގެ އިތުރުން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާ ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތްވެސް އެކުންފުނިން ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 97 އިންސައްތަ މިހާރު ނިމިފައިވާއިރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން