މާޝާ މިދުހަތު   27 އޯގަސްޓު 2020 - 15:14
މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިހާތަނަށް 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތަށް ލިބޭ އާމްދަނީ މިއަހަރުވަނީ ވަރަށްބޮޑުތަން ދަށަށް ގޮސްފައެވެ. ނަމަވެސް މިއަހަރު މިހާތަނަށް ކުރި ޚަރަދު ފާއިތުވެދިޔަ އަހަރާއި އަޅާބަލާއިރު މާބޮޑަށްވެސް އިތުރެވެ. ދައުލަތުގެ ހަރަދު ތަކަށް މިހާތަނަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ހޭދަ އުޅެނީ 15.5 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް 5.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު ހޭދަ ކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުޑަކުރި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލިސް މެމްބަރުންގެ މުސާރަވެސް މިމަހުން ފެށިގެން އަނެއްކާވެސްއިޔާދަ ކުރުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު މުސާރަތައް ކުޑަކުރުމުން ދައުލަތަށް 12 މިލިޔަނެއްހާ ރުދިޔާ ސަލާމަތް ކުރެވުނު އިރު މިމަހުން ފެށިގެން އަނެއްކާވެސް މިހޭދަ ބޮޑުވެގެންދާނެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިހާތަނަށް ޓެކުހުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކްސްގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސްމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޕީއެސްއައިޕީ ގެ އެކި މަޝްރޫއުތަކަށް 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 2.6 ބިލިއަން ރުފިޔާއެވެ.

އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން 717.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 310.2 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް 160.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 192.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން