އެމްއެމްއޭ
އެމްއެމްއޭ
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހިއްސާކުރުން ލާޒިމުވާ ގޮތަށް ގަވާއިދަށް މިއަދު އިސްލާހު ގެނެސްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި މި އިސްލާހުގެ ދަށުން، ގަވާއިދުގެ 4 ވަނަ މާއްދާއަށް ވަނީ ދެ އަކުރެއް އިތުރުކޮށްފައެވެ. އެއާއެކު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ޖަމާކުރާ ބޭންކު އެކައުންޓުގެ ފުރިހަމަ ތަފުސީލު މަރުކަޒީ ބޭންކަށް ހުށަހަޅަން ޖެހޭނެއެވެ.

މީގެއިތުރުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތައް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑަށް ވެސް ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ޓޫރިޒަމް ފިޔަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުގެ ތެރެއިން ކުރިން ރަޖިސްޓްރީވާން ޖެހެނީ އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭނަމައެވެ. ނަމަވެސް، މިއަދު ގެނައި އިސްލާހާއެކު އެ އަދަދު ވަނީ 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ. މިއީ އެފަދަ ވިޔަފާރިތަކުން ފައިސާ މާރުކުރުން ލާޒިމުވާ އަދަދާ އެއްވަރުގެ އަދަދެކެވެ.

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް ގެނައި އެހެން ބަދަލުތަކަށް ބަލާއިރު، ބޭރު ފައިސާއިން މުއާމަލާތް ކުރެވޭނެ ހާލަތްތަކާއި، ފައިސާ މާރުކުރުމުގައި އިސްތިސްނާ ލިބޭނެ ހާއްސަ ހާލަތްތައް މިހާރު ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ހަމައެއާއެކު، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުކޮށް، ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު ވަނީ އުވާލާފައެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތެއްގެ ބަދަލުގައި، ކޮންމެ މަހަކު ވެސް ލިބޭ އާމްދަނީން މާރުކުރަންޖެހޭ އަދަދު އެ މަހެއްގެ ތެރޭގައި މާރުކުރުމަށް މިހާރު ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް