އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލެ ސެންޓްރަލް ޕާކާއި އިރުމަތީ ފަރާތުގެ އެރައިވަލް ޖެޓީ މަރާމާތު ކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފިއެވެ.

މި ދެ މަޝްރޫއު ފެށުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން  ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ 9.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށް މަގުފަހިވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދެ މަޝްރޫއު ވެސް ހިންގާނީ އެޗްޑީސީން ކަމަށެވެ. މި ދެ މަޝްރޫއަށް ފައިސާ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި ދެ މަޝްރޫއުގެ ތެރެއިން ސެންޓްރަލް ޕާކް މަރާމާތު ކުރުމަށް 8.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެތަނުގައި ހިނގާ ޕާތުވޭތައް ހެދުމާއި ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިރުމަތީ ފަރާތުގެ އެރައިވަލް ޖެޓީ މަރާމާތު ކުރަން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާގެ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ އިން ވަނީ ރާއްޖޭގައި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ލޯނާއި ފައިސާގެ ބޮޑު އެހީތެރިކަމެއް ވެސް ދީފައެވެ.

އިދިކޮޅުން ސިފަކުރަނީ އިންޑިއާގެ އެހީތަކަކީ ރާއްޖޭގެ މިނިވަންކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން