ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެޑްވާންސް ފައިސާ ދެއްކިއިރު، ޕޭމަންޓް ގަރެންޓީ ނުނަގާ އޮތުމަކީ މާލިއްޔަތު ގަވާއިދާ ހިލާފަށް ހެލްތް މިނިސްޓްރީން ކޮށްފައިވާކަމެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެއްބަސްވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓްރު އިބްރާހީމް އަމީރު ވިދާޅުވީ، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ވެންޓިލޭޓަރުތައް ގަތުމަށް ހޯދާފައިވާ ކުންފުންޏެއް ކަމަށާއި، ވެންޓިލޭޓަރުތައް އަވަހަށް ބޭނުންވާތީ، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން 90 ޕަސެންޓް ފައިސާ ދެއްކުމަށް ހެލްތް މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި ކަމުގެ މުހިއްމުކަން ބޮޑުކަމުން، ޚަރަދުގެ ހުއްދައާއި ފައިސާގެ ކަންކަމަށް ހުއްދަ ދިންނަމަވެސް މާލިއްޔަތު ގަވާއިދުގެ އެހެނިހެން ކަންކަމަށް ބޯލަނބަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕޭމަންޓް ގެރެންޓީ ނުނަގާ އޮތުމަކީ ދީފައިވާ ހުއްދަ އެއް ނޫން ކަމަށާއި އެއީ އެފަރާތާއެކު ވެފައިވާ އެގްރިމެންޓްގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޕޭމަންޓް ގެރެންޓީ ނެގުމާމެދު ފިނޭންސް މިނިސްޓްރީން ލުއި ދީފައިނުވާތީ، އެގެރެންޓީ ހޯދަންޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާނަމަ މިހާރު ވެސް ހޯދަން ޖެހޭނެ ކަމަށް ފާހަގަކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، 1 އޭޕްރީލް 2020 ގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓްގެ ފައިސާ ދޫކުރުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި 19 އޭޕްރީލް 2020 ގައި ދެވަނަ ފަހަރަށް 15 ޕަސެންޓްގެ އެޑްވާންސް ޕޭމަންޓް ދޫކުރުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީން އެދިފައިވާއިރު އެއެއްބަސްވުމުގައިވާ ގޮތުން އެޒެކިއުޓރަސް ޖެނެރަލް ޓްރޭޑިންގއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 15 ޕަސެންޓް ދައްކަންޖެހެނީ، ވެންޓިލޭޓަރުތަކުގެ ޝިޕްމަންޓް ތައްޔާރުވުމުން ކަމަށް އެނގިވަޑައިގެންފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެޝިޕްމަންޓުން ގެންނަންއުޅުނީ 10 ވެންޓިލޭޓަރުކަން (ގަތުމަށް ފައިސާ ދެއްކީ 75 ވެންޓިލޭޓަރަށް) ހެލްތް މިނިސްޓްރީން މައުލޫމާތު ލިބުނު. މިކަމާ ގުޅިގެން 15 ޕަސެންޓް ދެއްކުން އެންމެފަހު ޝިޕްމަންޓަށް ހެދޭތޯ އިރުޝާދު ދެވުނު. އެހެންނަމަވެސް އެވެންޓިލޭޓަރުތައް (10 ވެންޓިލޭޓަރު) ޝިޕް ކުރެވެން އަންނަނީ މިއަދަދު ދައްކައިގެން ކަމަށް ހެލްތް މިނިސްޓްރީން ބުނާތީއާއި ވެންޓިލޭޓަރުތަކުގެ ޝިޕްމަންޓްގެ ފޮޓޯއާއި ވީޑިއޯ ވެސް ލިބިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާތީ، އެހުއްދަ ދޫކުރެވިފައިވަނީ 24 އޭޕްރީލް 2020 ގައި." މިނިސްޓަރ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ މާލީ އަދި ފަންނީ ގާބިލު ކުންފުންޏެއްތޯ ބެލުމަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީއާއި ފައިނޭންސް އެގްޒެކެޓިވް ކުރަންޖެހޭ އަދި ކަށަވަރު ކުރަންޖެހޭ ކަމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން