ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ރައީސްގެ ވައުދާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި ރައީސްގެ ވަޢުދުފުޅު ފުއްދަވާނެ ކަމަށެވެ. ހިނާ މިއަދު ވިދާޅުވީ އެކަމާ ގުޅޭގޮތުން ދެ ގައުމުގެ ހޮސްޕިޓަލްތަކާ އެކު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަޔަކާ އެކީގައި ކުރިއަށްދެވޭނެ ހިސާބަށް ވާސިލުވެފައި އެބަވޭ. އެހެންވީމާ އެ ހިދުމަތް ދެވޭނެ ދުވަހަކާ އެކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަކުރާނަން." ހީނާ މިއަދު ވިދާޅުވިއެވެ.

ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރު ފުޅަށް ފަހުއެވެ.

"މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދަ އިން ކަވަރު ވެގެން." ރައީސް އެދުވަހު ވިދާޅުވިއެވެ.

އޭގެފަހުން މިދިޔަ މާޗް މަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން