ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސް ބޭފުޅުން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސް ބޭފުޅުން
ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން ދެކޮޅުހަދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ގެނައި ބަދަލާ އެކު، ބައެއް އަމިއްލަ ފާމަސީތަކުން އެ އަގުތަކަށް ބޭސް ވިއްކަން ދެކޮޅު ހަދަމުންދާ ކަަމަށެވެ. ނަމަވެސް ގިނަ ފާމަސީތަކަކުން އެއަގުތައް ބަލައިގަނެ އެއަށް އަމަލުކުރަމުން އަންނަކަން ހީނާ ފާހަގަ ކުރެއްވިއެވެ.

ހީނާ މިއަދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ބޭހުގެ އަގުހުރީ 15 އިންސައްތަ މަތީގައި ކަމަށެވެ. އެހެންކަމުން އެއީ ރައްޔިތުންނަށް އަތް ފޯރާ ހިސާބު ނޫން ކަމަށާއި އަދި އެއީ ދައުލަތަށް ވެސް ނުކުޅަދާނަ މިންވަރެއް ކަމަށް ހީނާ މިއަދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރާއްޖޭގައި ބައެއް ފާމަސީތަކުން ބޭސް ވިއްކަމުން އަންނަނީ 300 އިންސައްތަ އާއި 400 އިންސައްތައިގެ ބޮޑު ފައިދާއެއް ހިމަނައިގެންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އަދިވެސް އެބަ ފާހަގަކުރެވޭ ބައެއް ފަރާތްތަކުން މި އަގުގައި ބޭސް ވިއްކުމަށް އިއުތިރާޒު ކުރަމުންދާކަން. އެހެންނަމަވެސް، އާސަންދަ މެދުވެރިކޮށް މި ބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ." ހީނާ މިއަދު ވިދާޅުވިއެވެ.

ހީނާ މިއަދު ވިދާޅުވީ އާސަންދައަކީ ސިޔާސީ މަންފާއަށް އަދި ވިޔަފާރީގެ ބޭނުމަށް މަންފާ ހޯދުމަށް މީގެ ކުރިން ބޭނުންކުރި ނިޒާމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ އާސަންދައިން ނާޖާއިޒު ފައިދާ ނެގެންހުރި ހުރިހާ ދޮރުތަކެއް ބަންދުކުރުން ކަމަށާއި، އެންމެ ހައްގުވެރި ފަރާތްތަކަށް އެނިޒާމުން ފައިދާ ހޯދައިދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.

ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކޮށް އާސަންދަ ރިފޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 27 ގައެވެ.

މި ފަހުން އަގު ކުޑަކުރި 250 ބޭހުގެ ތެރެއިން އަގު މުރާޖައާ ކުރެވިފައިވާ 87 ބޭސް މި ހިނގާ ނޮވެމްބަރު އެކަކުން ފެށިގެން ވަނީ އަގު ކުޑަކޮށްފައެވެ. ބާކީ 126 ބޭހެއްގެ އަގަށް މި މަހު 24 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ބޭހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާރު 10 ބޭހެއް ރާއްޖެ އެތެރެކޮށް އެތަކެތި ވިއްކަމުން އަންނަކަންވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން