ޖޭޕީގެ ނާއިބް ރައީސް އަހުމަދު ސައުދު
ޖޭޕީގެ ނާއިބް ރައީސް އަހުމަދު ސައުދު
ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނިތަކުން މާލޭ ރައްޔިތުންނާއި އަތޮޅުތަކުގެ ރައްޔިތުން އިސްތިސްނާނުވާ ކަމަށާއި، ކޮންމެ ކަމެއް ކުރިނަމަވެސް ތަފާތުކުރުން އޮވެގެން ނުވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރީގެ ސަރުކާރުން އިމާރަތް ކުރި ހިޔާ ފުލެޓްތަކުން ހަތަރު ކެޓަގަރީއަކުން މީހުން މަދުކޮށް މާލޭ މީހުންނަށް ފުލެޓްގެ އަދަދު އިތުރުކުރި މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ. ސައުދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ނަމުގައި ސަރުކާރުން ސޮވެރިން ގެރެންޓީ ނުވަތަ އެ ނޫންވެސް ގެރެންޓީ ދީގެން މަޝްރޫއެއް ހިންގައިފިނަމަ ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ތަކުން މާލޭ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުން އިސްތިސްނާ ނުވާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ޚިދުމަތް ދިނުމުގައި މާލޭ ރައްޔިތުންނާއި އަތޮޅުތަކުގެ ރައްޔިތުންނާއި މެދު ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ސައުދު ވިދާޅުވިއެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓްކޮށް، އެ ލިސްޓުގައިވާ ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބިފައިވާ ކަމުގެ ލިއުން  ވެސް ހަވާލުކޮށްފައެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ ފުލެޓްތައް ބަހާފައިވަނީ އިންސާފުން ނޫން ކަމަށް ބުނެ އެމައްސަލަ ބަލަން ކޮމެޓީއެއް އެކުލަވާލާފައެވެ.

ކޮމިޓީން މިދިޔަ ހޯމަދުވަހު ވަނީ ހަތަރު ކެޓަގަރީއެއްގެ ލިސްޓު އަލުން އިއުލާންކޮށްފަ އެވެ. އޭގެތެރޭގައި ބައެއް ކެޓަގަރީތަކުން ފުލެޓް ލިބުނު މީހުންގެ އަދަދު މަދުކޮށް މާލޭ ރައްޔިތުންނަށް ލިބޭ ފުލެޓްގެ އަދަދު ވަނީ އިތުރުކޮށްފައެވެ. ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި އަލުން އިވެލުއޭޓްކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށް އިއުލާންކޮށްފައިވާ އެ ލިސްޓުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ފުލެޓް ކޮމިޓީން ބުނެފައިވަނީ ކުރީގެ ސަރުކާރުން، ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ކުރިން ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން