މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު
ބޭންކިންގ ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަ ނަމަ ބޭންކްތައް ފަންކްޝަން ނުކުރާނެ ކަމަށާއި ޑޮލަރު މާރުކުރުމުގެ ޤާނޫނު ހަދަނީ އެހެންވެގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން އިއްޔެ އާންމުންގެ ޚިޔާލަށް ހުޅުވާލި ފޮރިން ކަރަންސީ ބިލުގެ ޑްރާފްޓާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ހަރުދަނާ ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތުމުގެ ސަބަބުން އެމްއެމްއޭ މީގެކުރިން އޮތީ އަތް ބަނދެވިފައި ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ވަނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ބޭންކިންގ ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަ ނަމަ ބޭންކްތައް ފަންކްޝަން ނުކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

“އެންމެ ފުރަތަމަ މި މަސައްކަތް ފެށީ ރައީސް ނަޝީދު ސަރުކާރުގައި. ރައީސް ނަޝީދު އެންމެ ފުރަތަމަވެސް އެމްއެމްއޭގެ ޤަވާއިދު އިސްލާހުކުރަން ވިދާޅުވީ.” މުނައްވަރު މިއަދު ވިދާޅުވިއެވެ.

އޭގެފަހުން ކޮންމެ ވެރިކަމެއްގައިވެސް މި މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ގަވަނަރުކަމަށް ވަޑައިގަތުމަށްފަހު އެމަސައްކަތުގެ ދުވެލި ހަލުވި ކުރެއްވިކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަސައްކަތަށް ކުރެއްވި ތާއީދަށް މުނައްވަރު ވަނީ ރައީސް މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.

މުނައްވަރު މިއަދު ވިދާޅުވީ ރާއްޖޭގެ ބޭންކްތަކަށް ކޮވިޑްގެ ކުރިން 70 އިންސައްތަ ޑޮލަރު ވަންނަމުންދިޔަ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ހުރީ 50 އިންސައްތައިގައި ކަމަށެވެ. އަދި ރާއްޖޭގެ ބޭންކްތަކަށް މާރުކުރާ މިންވަރު މިހާރު ހުރީ 10 އިންސައްތައިގައި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިހާރު ޓޫރިޒަމް އިންޑަސްޓީން ދިވެހި ބޭންކުތަކަށް ބޭރު ފައިސާގެ ގޮތުގައި ވަންނަނީ އެންމެ 3 އިންސައްތަ ކަމަށާއި ކޮވިޑުގެ ކުރިން ބޭންކުތަކަށް ޓޫރިޒަމް އިންޓަސްޓްރީގެ 20 އިންސައްތަ ބޭރު ފައިސާ ވަންނަމުން ދިޔަކަން ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.

ގަވަރުނަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ޤާނޫނު ހަދަނީ ގަވާއިދަށް ގާނޫނީ ބާރު ހޯދުމަށް ކަމަށާއި އެކަމުގެ ސަބަބުން ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކެއްވެސް ޤާނޫނުގައި ހިމެނިގެންދާނެ ކަމަށެވެ. އަދި ޤާނޫނުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ރައްޔިތުންނަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

“ބޭންކް އޮފް މޯލްޑިވްސް ކާޑު ޚިދުމަތް ހުއްޓެން އަޅުގަނޑުމެން ބޭނުންވޭތޯ؟ އަޅުގަނޑު ހަމަ ޔަޤީނުންވެސް ބޭނުމެއް ނުވޭ.” ގަވަރުނަރު މިއަދު ވިދާޅުވިއެވެ.

އެމްއެމްއޭ އިން މިހާރު ޑްރާފްޓު ކޮށްފައިވާ ބިލުގައިވާގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތައް ފިޔަވާ އެހެން ވިޔަފާރިތަކުންވެސް 20 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ، ރާއްޖޭގެ ބޭންކުތަކަށް ބޭރުފައިސާ ޖަމާކުރަން ލާޒިމްކޮށްފައިވެއެވެ. އަދި މި ފަރާތްތަކަށް ލިބޭ އާމްދަނީގެ 25 އިންސައްތައްއަށް ވުރެ ބޮޑުނުވާ ގޮތަށް ބޭންކުތަކަށް މާރުކުރުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

މިހާރު އެމްއެމްއޭއިން އެކުލަވައިލައިފައިވާ ބިލުގައި ވަނީ، ބޭރު ފައިސާ ދިވެހި ބޭންކަކަށް ޖަމާނުކުރާނަމަ، އެ ފަރާތަކުން އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައިން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެމްއޭއަށް ލިބޭ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް އަމަލުކުރަން ދެން ހިނގާ ކޮންމެ ދުވަހަކަށް، ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައަށްވުރެ އިތުރުނުވާނެހެން ފައިސާ ދައްކަން އެންގޭނެ ކަމަށްވެސް ބިލުގެ ޑްރާފްޓްގައިވެއެވެ.

އޭގެއިތުރުން ޑޮލަރު މާރުނުކުރާނަމަ، އެ ފަރާތަކުން އެ މަހަކަށް ޖަމާކުރަން ޖެހޭ ފައިސާގެ 0.1 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރަން ދެން ހޭދަވާ ކޮންމެ ދުވަހަކަށް، އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.1 ޕަސެންޓަށް ވުރެ އިތުރުނުވާނެ އަދަދެއް ދެއްކުމަށް އެންގުމުގެ ބާރުވެސް އެމްއެމްއޭއަށް އެ ބިލުން ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން