އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވަނީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާލުމާއި ސައިކަލްބުރުތައް ބާއްވާފައެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރާށެވެ. އެކަން އިއުލާންކޮށް، މިދިޔަ ހަފުތާގައި އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ސަރަހައްދުގައި މުޒާހަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.

މުޒާހަރާ ތެރޭގައި ވެސް ބައެއް މީހުން މާސްކް ނާޅައި އަޑުއުފުލި އިރު، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ބައެއް އިސްވެރިން ވެސް ވާހަކަ ދެއްކެވި އިރު ވެސް މާސްކް ނާޅުއްވަ އެވެ.

ފުލުސް އޮފީހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް، ގައިދުރުކަން ނުބަހައްޓައި، މާސްކް ނާޅައި މުޒާހަރާ ކުރިކަން ފާހަގަވެފައިވާ ކަމަށާއި އެހެންވެ، އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ވަނީ ޖުލައި މަހުގެ ތެރޭގައި އަންގާފައެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން