ރާއްޖޭގައި މިއަދު އޮތް ސިއްހީ ރައްކާތެރިކަން ނަގާލެވޭގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން ކުރި އިހުތިޖާޖާއި ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށްބޮޑު ފަރަގެއްވާކަމަށެވެ.

މިއަދު ކުރިމަތިވެފައިވާ ހާލަތަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތަކަށްވުމުން މިހާލަތުގައި އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެބުމަށް މިނިސްޓަރ އިމްރާން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށްބޮޑު ފަރަގެއްވޭ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލަން." އިދިކޮޅު ހުންނެވި އިރު މުޒާހަރާތައް ލީޑްކުރުމުގައި ފާހަގަ ކުރެވިފައިވާ މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިސްނަގައިގެން ކުރި މި އިހުތިޖާޖުގައި ކޮންމެ ރަށަކުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނުކުމެފައެވެ. މިއީ މިފަހަކުން މުޅި ރާއްޖޭގައި އެއްފަހަރާ ސަރުކާރާއި ދެކޮޅަށް މިހާ ގިނަބަޔަކު ނުކުމެ މުޒާހަރާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން މިގޮތަށް މުޒާހަރާތަކާއި އިހުތިޖާޖު ތަކުގެ ސައިޒް ދައްކާފައިވާ ބަޔަކީ އެމްޑީޕީއެވެ. މިއަދުގެ އިހުތިޖާޖުގައި ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށާއި، ސަރުކާރުގައި ހިންގާ ވައްކަމާއި ނޭދެވޭ ކަންކަން ހުއްޓާލުމަށް އަޑު އުފުލާފައެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން