ކިތަންމެ އިންޒާރެއްދީ ބިރު ދެއްކިޔަސް ޤައުމުގެ ހައްގުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމުގެ ހައްގުގައި ދިވެހިން އަބަދުވެސް ތެދުވާނެކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި، ޤައުމިއްޔަތު ދަމަހައްޓަން ދިވެހިން ފަސް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ޙާރިޖީ ސިޔާސަތާއި، ގައުމުގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރުއޮތުމުން ރައްޔިތުން ޤައުމުގެ ހައްގުގައި ނިކުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައްޔިތުން މިއަދު ނިކުންނަނީ ޤައުމާއި ދީނާއި، މިނިވަންކަމުގެ ހައްގުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ އިންޒާރެއް ދިނަސް ދިވެހން ދިވެހިންގެ ޤައުމުގެ ހައްގުގައި ތެދުވާނެ. ދީން ދިފާއުކުރާނެ. މިނިވަންކަން ދަމަހައްޓާނެ. ރައްޔިތުންގެ ހައްގުގައި ކަށަވަރު ކުރާނެ. ގައުމު އަޅުވެތި ކުރާތަން ބަލާކަށް ދިވެހިން ނުތިބޭނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަލަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފުލުހުން ވިދާޅުވީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފުވެ ގައިދުރުކަން ބެހެއްޓުމާއި ބައެއް މީހުން މާސްކު ނާޅައި އުޅެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން