އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
މޯލްޑިވްސް މީޑިއާ ހައުސް އާއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމައިފިއެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެޖެންސީ ހިންގާ “މޫކައި ސުއިޓްސް” އިމާރާތް މަރާމާތުކުރުމަށް ހުސްކުރަން އެންގުމުން އެ އެޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާއިން ހުއްދަ ހޯދައިގެން އޮންނަ އުސޫލުގެ ތެރެއިން އިމާރާތެއް ހޯދިކަމަށެވެ.

އަދި އެ އިމާރާތުން އެއެޖެންސީން ކުއްޔަށްނެގި ފަންގިފިލާތަކުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދިންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މުއާމަލާތާއި ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސްގެ އަގުވައްޓާލައި، އަސްލެއްނެތް ދޮގުވާހަކަތަކެއް ފެތުރުމުން އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށްވެސް އެންސްޕާގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށް އެންސްޕާއިން މިއަދުވަނީ ހާމަކޮށްފައެވެ.

“މިކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި މިއެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ.” އެންސްޕާގެ ބަޔާނުގައިވެއެވެ.



މި އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމާފައިވާއިރު އެ މައްސަލަ މިހާރުވަނީ އޭސީސީން ތަޙުޤީޤު ކުރަންވެސް ފަށާފައެވެ.

މި މައްސަލާގައި މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލާގައި ބުނެފައިވަނީ އެންސްޕާގެ އޮފީސް ހިންގުމަށް ޖޫން 25، ގައި ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެ ބިޑު އެވޯޑުކޮށް ފަސް އަހަރުދުވަހުގެ ކުލީގެ ގޮތުގައި 34.8 މިލިއަން ރުފިޔާއަށް އެ ކުންފުނީގެ އަތުން ހަތަރު ފްލޯ ކުއްޔަށް ހިފާފައިވާ ކަމަށެވެ.

އަދި އެއަށްފަހު އޭގެތެރެއިން ދެ ފްލޯއެއް މޯލްޑިވްސް މީޑިއާ ހައުސްއިން ނޮވެމްބަރު 28، ގައި ހިންގަން ފަށާފައިވާ އެމްއެމްޓީވީގެ އޮފީސް ހިންގުމަށް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދީފައިވާ ކަމަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ތުހުމަތު ކުރެވެމުންދާ ކަމަށްވެސް މައްސަލާގައިވެއެވެ.

މި މައްސަލާގައި އެންސްޕާއިން މީގެކުރިން ވަނީ ޢިމާރާތް ކުއްޔަށްހިފި މުޢާމަލާތާއި ގުޅިގެން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. އެގޮތުން އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާއި، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށްބުނެ ފަތުރާފައިވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން ޢިމާރާތް ކުއްޔަށް ހިފުމުގައި ދަޢުލަތުގެ މާލީ ވުޒާރާ ނޫން ފަރާތަކާއެކު މުޢާމަލާތެއް ކޮށްފައި ނުވާނެ ކަމަށްވެސް އެންސްޕާއިން މަޢުލޫމާތުދެއެވެ. އަދި އެއީ ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމުގެ ޔަޤީންކަންވެސް އެންސްޕާއިން މީގެ ކުރިން ވަނީ ރައްޔިތުންނަށް ދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންސްޕާއަށް އޮފީސް އިމާރާތެއް ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އަދި އެންސްޕާގެ އޮފީސް ޢިމާރާތް ކުއްޔަށް ނަގާފައިވަނީ މަހަކަށް ބައިމިލިއަނަށްވުރެ އަގު ބޮޑުކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން