ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް--
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް--
ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލިބުނު ތަރުހީބު ބޮޑުކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުން މި ފަހުން ދުންފަތާ ދެކޮޅަށް އެޅި ގިނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ހެލްތު މިނިސްޓަރު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކުންނާއި އަދި ހިންގި ބައްދަލުވުންތަކުން ބެލެނިވެރިންނާއި، ދިވެހި ރައްޔިތުން ޖުމްލަ ގޮތެއްގައި އެ ފިޔަވަޅުތަކަށް ވަރަށް ބޮޑު ތަރުހީބެއް ދެއްވާކަން އެނގިގެންގޮސްފައިވާ ކަމަށެވެ.

އަދި މިފަދަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރަށް އެކި މީޑިއާތައް މެދުވެރިކޮށް، އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެ ބޭފުޅުން ދިޔައީ ގޮވާލައްވަމުން ކަމަށާއި ފިޔަވަޅުތައް އެހާ އަވަހަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމެވީ ވެސް އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަނެއް ސަބަބަކީ ރައީސުލްޖުމުހޫރިއްޔާ މުހައްމަދުު މުއިއްޒުގެ މެނިފެސްޓޯގައި ހެލްތުގެ ޕްރިވެންޝަންއަށް ވަރަށް މުހިންމު އެޖެންޑާއެއް އެބައޮތް، ވަރަށް މުހިންމު ވައުދުތަކެއް އެބަހުރި، އެ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި އެންމެ މުހިންމު އެއް މަސައްކަތެއް ގޮތުގައި ހެލްތު ނިޒާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެއް ގޮތުގައި ދުންފަތުގެ މި މައްސަލަވުމާއެކު އެކަން ތަންފީޒު ކުރުން. އެހެންވީމާ ދިވެހިރައްޔިތުންގެ ތަރުހީބު މިކަމަށް ވަރަށް ބޮޑަށް އެބަ އޮތް" ނާޒިމު ވިދާޅުވިއެވެ

ނާޒިމް ވިދާޅުވީ މިފަދަ ކަންކަމަކީ އަބަދުވެސް އަވަހަށް ޓައިމްލައިނެއް ކަނޑައަޅައި އެ ޓައިމަކަށް ކަންކަން ތަންފީޒުކުރުން މުހިންމުކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި މާ ދިގު ދަންމައި ދިގު މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކޮށްގެން މިކަން ނިންމޭނެކަމަށް އެއީ ދުނިޔޭގެ ގިނަ ގައުމުތަކުން ފެއިލްވެފައި އޮތް ޕޮލިސީއެއް. މިކަން ކާމިޔާބު ކުރެވިފައި ހުރި ގައުމުތަކުގައި މިކަން ކާމިޔާބު ކުރެވިފައި ހުރީ ވަރަށް އަވަހަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން. އެހެންވީމާ އެ ތަޖުރިބާއަށް ބަލައި އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް މި ގެންދަނީ" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން