ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ރާއްޖޭގައި މިސްކިތްތަކަށް އަރާ މީހުން މަދު ކަމަށާއި މިއީ ބިރުވެރިކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ނަމާދަކީ އިސްލާމްދީނުގެ ތަނބެއްކަމަށާއި އަދި ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށެވެ. އަދި އެ އަޅުކަން ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިއުންކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތުތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔަކަށްވާ އިރު ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަސައްކަތުގައި އަވަދިނެތި އުޅުމަކީ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭކަން ޚުތުބާގައި ފާހަގަކޮށްފައި ވެެއެވެ.

"ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެއެވެ. އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުމެވެ. މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫނެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމުގައި ވީހިނދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިސްކިތްތައް ވަރަށް ގިނަ ކަމަށެވެ. އެހެން ނަމަވެސް އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ އަދަދު މަދުވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއްކަން ފާހަގަކޮށްފައި ވެއެވެ.

"ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާ ނަމަ އެއީ އަހަރެމެން އެ ކަމާ ބިރުގަންނާން ޖެހޭނެ ކަމެކެވެ." ޚުތުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން