ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު
ހިޔާ ފުލެޓް މަޝްރޫއުގެ ދަށުން ފުލެޓް ލިބޭނެ މީހުންގެ އާ ލިސްޓެއް އިއުލާންކޮށްފައިވާއިރު އެ ލިސްޓަކީ ގާނޫނީ ގޮތުން ބާތިލް ލިސްޓެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ފުށިދިއްގަރު ފަޅާއި، ގުޅީ ފަޅު ހިއްކައި އެފަޅުތައް ގުޅުވައި ރާއްޖޭގެ ހުރިހާ ހިސާބަކުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ފަލްސަފާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ ފުލެޓު ދިނުމަށް ނެރެފައިވާ ލިސްޓުގައި ގޯސްތަކެއް ހުރި ކަމުގައި ބުނެ މި ސަރުކާރުން އެކުލަވައިލި ފުލެޓު ކޮމިޓީން އާންމުކުރި ލިސްޓަކީ އިންސާފުން ހެދި ލިސްޓެއް ނޫން ކަމަށެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބުނު ބައެއް ފަރާތްތަކަށް މިފަހަރު ފުލެޓު ލިބިފައިނުވާ ސަބަބުތަކަކީ ވަރަށް ހަމަނުޖެހޭ ސަބަބުތަކެއް ކަމަށް ޑރ.މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޑރ.މުޢިއްޒު ވިދާޅުވީ ބައެއް ފަރާތްތަކަށް ފުލެޓު ދިނުމުގައި ދިރިއުޅުމުގެ ޙާލަތުގެ ބައިން ލިބޭ ޕޮއިންޓް މަދުކޮށްފައިވަނީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން އެ މީހުން ދިރިއުޅޭ ގެއަށް އައުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އެއީ މިހާލަތުގައި ހަމަ ހިނގާފާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ބައެއް ފަރާތްތަކަށް ފުލެޓު ނުލިބުނީ ގޭގެ ޙާލަތު ބަލައިލަން ދިޔައިރު ރާއްޖެއިން ބޭރުގައި އުޅޭތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

" ކުރިން ފުލެޓް ލިބޭނެ ކަމަށް ބުނި 823 މީހުން މަގުމަތިކޮށްފި. މިއީ އެއްވެސް ހާލެއްގައި އިންސާފުވެރިކަމާއި އެކު ކުރިކަމެއް ނޫން، ގާނޫނީ ގޮތުން ބަލާއިރު ބާތިލް ލިސްޓެއް މި ނެރުނީ. ކުރިން ފުލެޓް ލިބޭނެ ގޮތާއި ޝަރުތުތަކާއި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އިއުލާންކޮށް ޓާމް ސެޓްކޮށްފައި އޮތް ކަމެއް މިއީ، ޓާމްސް ގަބޫލުކުރި މީހުން ފޯމްލީ، ގަބޫލުނުކުރާ މީހުން ފޯމް ނުލީ، އެ ހުދޫދުގެ ތެރެއިން މިންގަޑާ އެއްގޮތަށް ބަޔަކު ހޮވައި ލިސްޓެއް ހެދިފައި ފޯމްތައް ބަލައިގަތްފައި އޮއްވައި މި ސަރުކާރު އައިސް ހާލަތު ބަލަން ވަކިކަންތައްތަކެއް ކަނޑައަޅައި މިކަން ކުރީމަ މިއީ ބާތިލް ލިސްޓެއް." މުއިއްޒު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކަށް ފުލެޓު ނުލިބުނީ މިހާރު ދިރިއުޅެމުންދާ ތަނުގައި ރެނދެއް ނެތުމުން ނުވަތަ އެތަނުގައި އެހެންވެސް މައްސަލައެއް ނުފެނުމުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މި ގޮތަށް ފުލެޓު ކުރިން ލިބިފައިވާ ފަރާތްތަކުގެ އަތުން ފުލެޓު ނިގުޅައިގަތުމަކީ އިންސާފުވެރި ގޮތެއްތޯވެސް މުޢިއްޒު ސުވާލު ކުރެއްވިއެވެ. މުއިއްޒު ވަނީ ހިޔާ ފުލެޓް މައްސަލައިގައި ޖަރީމާ ހިންގި މީހުން ޕްރޮގުރެސިވް ކޯލިޝަންގެ ވެރިކަމެއްގައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓްކޮށް، އެ ލިސްޓުގައިވާ ގިނަ ބަޔަކަށް ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ވެސް ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން ފުލެޓްތައް ބަހާފައިވަނީ އިންސާފުން ނޫން ކަމަށް ބުނެ އެމައްސަލަ ބަލަން މިސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ.

އެ ކޮމިޓީން މިދިޔަ ހޯމަދުވަހު ވަނީ ހަތަރު ކެޓަގަރީއެއްގެ ލިސްޓު އަލުން އިއުލާންކޮށްފަ އެވެ. އޭގެތެރޭގައި ބައެއް ކެޓަގަރީތަކުން ފުލެޓް ލިބުނު މީހުންގެ އަދަދު މަދުކޮށް މާލޭ ރައްޔިތުންނަށް ލިބޭ ފުލެޓްގެ އަދަދު ވަނީ އިތުރުކޮށްފައެވެ. ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި، އަލުން އިވެލުއޭޓްކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށް އިއުލާންކޮށްފައިވާ އެ ލިސްޓުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ފުލެޓް ކޮމިޓީން ބުނެފައިވަނީ ކުރީގެ ސަރުކާރުން، ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ކުރިން ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން