މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީގެ ކުރިން ހައިކޮމިޝަން ކުރިމަތީ ފާރައަށް ހުންނަނީ ފުލުހުންގެ އޮފިސަރެކެވެ. ނަމަވެސް މިއަދު އެތަނުގައި ހަތިޔާރާއި އެކު ރާއްޖޭގެ އަސްކަރިއްޔާގެ ދެ މީހުން ފޯރިމަރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެކަމަކު އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވީ ކީއްވެގެން ކަމެއް، އެމްއެންޑީއެފުން އަދި ނުބުނެ އެވެ. އެމްއެންޑީއެފްގެ ވައިބާ ގްރޫޕްގައި ބައެއް ނޫސްވެރިން އެ ސުވާލުކުރުމުން ވެސް އަދި ޖަވާބެއް ނުދެ އެވެ.

އިންޑިއާއަށް ނުރުހުން އަމާޒުކޮށް އިއްޔެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މާލޭގައި ސައިކަލް ބުރެއް ބޭއްވި އެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި ކުރިއަށް ގެންދިޔަ މި އެއްވުމުގެ ބޭނުމަކީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުމާއި ދެކޮޅު ހެދުން ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި އޮޕަރޭޓު ކުރުމުގެ ހުއްދަވެސް ދީފައެވެ. އަދި އެ މަތިންދާ ބޯޓު ދުއްވަން ރާއްޖެ އަންނަ ސިފައިން ތިބުމަށް ހދ.ހަނިމާދޫ އިން 30 ގެ ކުއްޔަށް ހިފުމުގެ މަސައްކަތް އިންޑިއާ ސިފައިން ދަނީ ކުރަމުންނެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގުޅުން ހީނަރުވެފައިވާ އިންޑިޔާއާއި މިސަރުކާރުން ދަނީ ގުޅުން އިތުރަށް ބަދަހިކޮށް ގިނަ ކަންކަން އިންޑިޔާ މެދުވެރިކޮށް ކުރަމުންނެވެ. އެގޮތުން މިސަރުކާރަށް ފައިސާގެ އެހީ ލޯނު މިފަހުން އެންމެ ގިނަ އަދަދަކަށް ދީފައިވަނީވެސް އިންޑިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން