އިންކުއެރީއެއް ކުރިއަށްގެންދާކަމަށްބުނެ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުވާފައިވަނީ ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމުގަައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް 28 މައްސަލައެއް ފެންމަތިކޮށް މަޤާމުން ވަކިކުރުމަށް މާލޭ ސިޓީ ކައުންސިލް މެމްބަރުން ކުރި މަސައްކަތް އެލްޖީއޭއިން ހުއްޓުވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިކަމަކީ ސިޔާސީ ބާރުވެރިކަން ބޭނުންކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ހިންގި އަމަލެއްކަމަށެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ދަންނަ އުސޫލެެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޝީޔާމް ވިދާޅުވީ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށް ކަންކަން ކުރުމަކީ މިސަރުކާރުން މިހާރު އާންމު ކަމަކަށް ހަދާފައިވާކަމެެއް ކަމަށެވެ. ނަމަވެސް ސިޔާސީ ބާރުވެރިކަން ދައްކައިގެން ބިރު ދެއްކޭނީ ވަކި ވަރަކަށް ކަމަށާއި މިކަންކަމަށް ނިމުން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ދަންނަކަމެއްނޫން. އެލްޖީއޭއިން މިހާރު ތިކުރާކަމަކީ ސިޔާސީ ނުފޫޒުން ރައްޔިތުން ބާރު ކަނޑުވާލުން." ޝިޔާމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުނަގަން އެޖެންޑާކޮށްފައިވަނިކޮށް، ޖަލްސާ ފެއްޓުމުގެ ބައިގަޑިއެއްހާއިއިރު ކުރިން އެލްޖީއޭއިން ވަނީ ކައުންސިލް ބައްދަލުވުމުގައި މޭޔަރ ސިފާގެ ވޯޓު ނުނެގޭނެކަމަށް އަންގާފައެވެ.

މާލޭގެ ރައްޔިތުންނަށް ޚިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތާ އެކު އެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނަސް އެ މުއްދަތު ހަމަވިއިރު މޭޔަރ ޝިފާ ޖަވާބުދާރީވެވަޑައިގެންފައެއްނުވެ އެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ އަށް ކައުންސިލަރަކު ވަނީ ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދުކުރައްވައިފަ އެވެ. ވޯޓު ނަގަން ތާއީދު ނުކުރައްވަނީ ދެ ކައުންސިލަރެކެވެ. ޝިފާއާ ދެކޮޅަށް ނުކުތް ކައުންސިލަރުންގެ ތެރޭގައި، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ދެން އޮންނަ ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް އެލްޖީއޭގެ ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން