ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓަށް ބަލައިނުގަަންނަން އެކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ރަނގަޅުކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކަށް ލަމްހާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.

މި މައްސަލަތަކުގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ 12 ނޮވެމްބަރު 2024 ވީ އަންގާރަ ދުވަހުއެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒް ކުރާކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައެވެ.

ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިއުމާއި، މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުމާއި، އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުމެވެ.

އޭގެފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެމައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ދަޢުލަތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ރަޖިސްޓްރާގެ ނިންމުމަށް ތާޢީދު ކޮށްފައެވެ.

މި މައްސަލާގައި ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. ނަމަވެސް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވަނީ ޝަރީއަތް ލަސްވުމާ ކޮންމެ ފަހަރަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެކަމަށް ހައިކޯޓުން ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ލަމްހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.

މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް އެ މަހުގެ 27 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.

ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.

ލަމްހާއަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން