ޢިމާރާތެއްގެ މަސައްކަތް ކުރިއަށްދަނީ
ޢިމާރާތެއްގެ މަސައްކަތް ކުރިއަށްދަނީ
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާނުދީ ލަސްވާނަމަ ޢިމާރާތް ކުރުމުގެ ސިނާޢަތު އިނދަޖެހިދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްއެންއޭސީއައި ގެ ފަރާތުން ބޯޑު މެންބަރު މުޙައްމަދު ޝާކިރު ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުން ކުންފުނިތަކަށް ލިބެންވާ ފައިސާ ނުލިބުމަކީ އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި ކުންފުނިތަކުގެ ކަންބޮޑުވުމެއް ކަމަށެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކުން މަސައްކަތްތައް ކުރަނީ ބޭންކްތަކުން ލޯނު ނަގައިގެންކަން ފާހަގަ ކުރަށްވަމުން ޝާކިރު ވިދާޅުވީ ކުރާ މަސައްކަތަށް އަވަހަށް ފައިސާ ނުލިބި ލަސްވުމުގެ ނަތީޖާއަކީ ކުންފުނިތައް ބޭންކުތަކަށް ދަރައި އިންޓްރެސްޓް އިތުރުވަމުން ދިއުންކަމަށެވެ. އެހެންކަމުން އެއީ މިވަގުތު އެ ސިނާޢަތުގައި މަސައްކަތް ކުރާ އެންމެނަށްވެސް އޮތް ގޮންޖެހުމެއް ކަމަށް ޝާކިރު ވިދާޅުވިއެވެ.

ހަމައެއާއެކު ޝާކިރު ވަނީ ކުންފުނިތަކަށް ފައިސާ ނުލިބި ލަސްވާ މައްސަލާގައި ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

“ގާތްގަނޑަކަށް 400 ކުންފުނީގެ ހުރިހާ ބޭފުޅުންވެސް އެދޭ ވީހާވެސް އަވަހަކަށް ކޮށްފައިހުރި މަސައްކަތްތަކުގެ ފައިސާ ދޫކުރުން އަޅުގަނޑުމެންނަށް. އެހެންނޫނީ އަޅުގަނޑުމެންގެ ކުންފުނީގެ އަދަދު މަދުވެ އިންޑަސްޓްރީ އިނދަޖެހިގެން ހިނގައިދާނެ.” އެ ޕްރޮގްރާމްގައި ޝާކިރު ވިދާޅުވިއެވެ.

އޭގެއިތުރުން އެ ޕްރޮގްރާމްގައި ޝާކިރު ވަނީ ރާއްޖޭގައި ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން އޭގެ ނާޖާއިޒް ފައިދާ ބޭރުގެ ކުންފުނިތަކުން ނަގަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރިސޯޓު ޕްރޮޖެކްޓްތަކަށް ބޭރުގެ ފަރާތްތަކުން ގެންނަ މެޝިނަރީޒް އެހެނިހެން މަސައްކަތްތަކުގައި ބޭނުންކުރާ ކަމަށާއި އެފަދަ ކުންފުނިތަކުން ޓޫރިސްޓު ވިސާގައިވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މީހުން ގެންނަކަން ޝާކިރު ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެންގެ ތެރެއިން އެކަން ބައްލަވަން ތިއްބަވާ ބޭފުޅުންނަކަށް އެކަން ނުބެއްލެވޭ.” ޢިމާރާތްކުރުމުގެ ދާއިރާއަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރަށްވަމުން ޝާކިރު ވިދާޅުވެފައިވެއެވެ.

ޝާކިރު މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްްތަލިބު ވަނީ ބައެއް ކުންފުނިތަކުން މަސައްކަތްތަކުގެ އެޑްވާންސް ފައިސާ ނެގުމަށް ފަހު ފިލާކަމަށް ވިދާޅުވެފައެވެ. އަދި އެފަރާތްތަކުން އެފައިސާއިން ދެން ކުރަންފަށަނީ ވިޔަފާރި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން