ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާ ބަޔަކަށް އިމިގްރޭޝަންގެ އޮފިސަރުން ޚިދުމަތް ދެނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާ ބަޔަކަށް އިމިގްރޭޝަންގެ އޮފިސަރުން ޚިދުމަތް ދެނީ
ކޯވިޑް-19 އާއި ގުޅިގެން ވިސާ ހަމަވެ ރާއްޖެއިން ނުފުރި ތިބި ބިދޭސީންނަށް ވިސާ އާ ނުކޮށް ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ 31 ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން ސަރވިސްގެ ދެންނެވުމެއްގައި ބުނެފައިވަނީ، ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ވިސާ އާ ނުކުރެވިފައިވާ ފަރާތްތަކުން ޓޫރިސްޓް ވިސާއާއި، ބިޒްނަސް ވިސާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު 19 މާޗު 2020 ގެ ފަހުގެ ތާރީހަކަށް ހަމަވެފައިވާނަމަ، ވިސާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ފުރޭނީ އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށައެޅުމުން ކަމަށާއި، މިގޮތަށް އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ ފޯމް ހުށަހަޅައިގެން ފުރޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށް އެ ސަރވިސް އިން ބުނެފައިވެއެވެ.

މިއާއެކު، ބިދޭސީން ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ "ޓްރެވަލަރސް ހެލްތު ޑިކްލަރޭޝަން" ފުރިހަމަ ކުރުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.

އިމިގްރޭޝަނުން ވަނީ، ކޯވިޑް-19 ގެ މި ދުވަސްވަރު މަސައްކަތްކުރަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށްވާތީ، އެ މީހެއްގެ ނުވަތަ އެ ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވިސާގެ ކަންކަން ފަހަށް މަޑުނުކޮށް، ގަވާއިދުން ފުރިހަމަ ކުރުމަށް ނަސޭޙަތްތެރި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން