ފިނޭންސް މިނިސްޓްަރީން ހިއްސާ ކުރި މައުލޫމާތު ތަކާއި އެއްގޮތަށް ރައީސުންނަށް އިނާޔަތް ލިބިވަޑައިގަންނަވާ ގޮތް
ފިނޭންސް މިނިސްޓްަރީން ހިއްސާ ކުރި މައުލޫމާތު ތަކާއި އެއްގޮތަށް ރައީސުންނަށް އިނާޔަތް ލިބިވަޑައިގަންނަވާ ގޮތް
ކުރީގެ ރައީސުންގެ ތެރެއިން ސިޔާސީ މަސައްކަތުގައި އަދިވެސް އުޅުއްވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މާސް ނާޅުއްވައި ތިއްބެވި ފޮޓޯތަކާއެކު އިނާޔަތް ކަނޑާލަން ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލުމާއި ގުޅިގެންނެވެ. އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސުން އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ސިޔާސީ ޕާޓީތައް ހިންގުމުގައި އުޅުއްވާނަމަ ރިޓަޔާ ނުވާ ކަމަށާއި، އެފަދަ އިނާޔަތެއްގެ ގޮތުގައި ދައުލަތުން އެއްވެސް ފައިސާއެއް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަލީ ހުސައިން މިހެން ވިދާޅުވިއިރު، ކުރީގެ ރައީސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް އުޅުއްވަނީ ސިޔާސީ މަސައްކަތުގައި ކަން ފާހަގަކޮށްލެވެއެެވެ.ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް ވަނީ އުފައްދަވައިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ވަގުތު ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނަކީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު ކަން އެ ޕާޓީތަކުން ވަނީ އިޢުލާން ކޮށްފައެވެ. ކުރީގެ ރައީސް ވަހީދު ވެސް ވަނީ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން އިދިކޮޅު ކޯލިޝަނާއެކު ސިޔާސީ މަސައްކަތް ފަށްޓަވާފައެވެ.

ކުރީގެ ރައީސް ނަޝީދަކީ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް މި ވަގުތު ފުރައްވަނީ އެމަނިކުފާނެވެ. ޕާޓީގެ ހަރަކާތްތަކުގެ އިތުރަށް މަޖިލީހުގެ މަސައްކަތްތަކާއެކު ސިޔާސީ މަސައްކަތުގައި ވަރަށް އިސްކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންގެ އެއް ދައުރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވިޔަސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މުސާރައިގެ ގޮތުގައި މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރަށްނަމަ 75،000 ރުފިޔާއެވެ. އެއް ދައުރަށް ވުރެ ގިނަ ދައުރު ވެރިކަން ކުރެއްވި ބޭފުޅަކަށް މިވަގުތު ދުނިޔޭގައި ހުރީ ހަމައެކަނި ރައީސް މައުމޫނެވެ. މީގެއިތުރުން ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި ޗެރިޓީ މަސައްކަތްތަކަށް ހުޅުވާ އޮފީސްތައް ހިންގުމަށް ގިނަވެގެން 175،000 ރުފިޔާ ކުރީގެ ރައީސުންނަށް ދޭން ޖެހެއެވެ.

ކުރީގެ ރައީސުންގެ ތެރެއިން ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މުއްދަތަށް އެމަނިކުފާނަށް އިނާޔަތް ދިނުން ވަނީ ހުއްޓާލާފައެވެ. އެހެން ހުރިހާ ބޭފުޅުން ކޮންމެ މަހަކު ބަރާބަރަށް މި މުސާރައާއި އިނާޔަތް ނަންގަވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ސިޔަސީ މަގާމެއް އަދާ ކުރައްވާތީ ރައީސް ނަޝީދު ވަނީ އިނާޔަތުގެ ބައެއް ދޫކޮށްލައްވާފައެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުން މިހާރު އިނާޔަތުގެ ގޮތުގައި ންނަގަވާ މިންވަރު އެނގޭ ގްރެފިކްސް މަންޒަރެއް މި ޚަބަރާއެކު އެވަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން