ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތާއިއެކު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 50 އިންސައްތަ ދަށްވާނެކަމަށް ގަބޫލުކުރެވޭ ކަމުގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅިގެން އެކްސްޖޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމާދު ވިދާޅުވީ ރާއްޖެއަށް ފޮރިން އެކްސްޗޭންޖް ފްލޯއިންގެ އެންމެބޮޑު ސޯސްއަކަށް މިއޮންނަނީ ޓުވަރިޒަމް ސެކްޓާކަމަށެވެ.

އިމާދު ވިދާޅުވީ ޓުވަރިޒަމް ސެކްޓާއިން ހީނުކުރާވަރުގެ ބޮޑު ލޮޅުމެއް މިހާރުވެސް އައިސްފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރު މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށް ޖުލައި 15 ވަނަ ދުވަހާއި ހަމަޔަށް ފަތުރުވެރިން އައިސްފައި ނުވާއިރު، ބޯޑަރު ހުޅުވާލައިގެން މިވީ މުއްދަތުގައިވެސް ރާއްޖެއަށް އައިސްފައިވަނީ ހީކުރި ވަރަށްވުރެވެސް މަދުބައެއްކަމަށް އިމާދު ވިދާޅުވިއެވެ.

"ބޯޑާ ކްލޯސްކުރީ މާރޗް 27 ވަނަ ދުވަހު. އަދި ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި. ބޯޑަރު އަލުން ހުޅުވާލިއިރު އަންދާޒާ ކުރި ވަރަށްވުރެ ވަރަށްބޮޑުތަނުން ދަށްކޮށް އިމްޕްރޫވްމަންޓް މިފެނުނީ. ފާއިތުވެދިޔަ ނޯމަލް އަހަރުތަކުގައި، ދުވާލަކަށް 5000 އާއި 4000 އާއި ދެމެދު ޓުވަރިސްޓުން ރާއްޖެއަށް އަންނަމުންދޭ. ނަމަވެސް ޖުލައި 15 ގައި ހުޅުވާލިފަހުން އެވްރެޖްކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 300 އަށްވުރެވެސް މަދު ޓުވަރިސްޓުން." އިމާދު ވިދާޅުވިއެވެ.

މިހާލަތުގައި ރިޒާވަށް ވަންނަ ޑޮލަރު އިންތިހާއަށް ދަށްވެގެން ދިޔަނަމަވެސް މިއަދާއި ހަމަޔަށް މާކެޓަށް ފޯރުކޮށްދެމުން ދިޔަ ޑޮލަރުގެ މިންވަރަކީ، ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރަށްވުރެވެސް ބޮޑު އަދަދެއްގެ ޑޮލަރު މާކެޓަށް އިންޖެކްޓް ކުރަމުން ދާކަމަށް އިމާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން