ވެރިކަން ފެއިލްވެ، ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ދިއުމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމަށް ހިންގަމުން ގެންދާ އަމަލުތައް ހުއްޓާލުމަށް އިދިކޮޅު ޕްރެގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރެގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އާއި ޕީ.އެން.ސީގެ ނާއިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ އެއްވެސް ޙާލެއްގައި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްގެން ކަމަށް އިިދިކޮޅު ކޯލިޝަނުން ނުދޭކަމަށް އެކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"އެފަދަ ޢަމަލުތަކަކީ، ސަރުކާރު ފެއިލްވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާމެދު އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިފާޅުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ޙަޖަމު ނުވާތީ ކުރަމުން ގެންދާ ކަންކަމެވެ. އަދި މިއީ ކަނޑައެޅިގެން ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމުގައި ރައްޔިތުންވެސް ޤަބޫލުކުރެއެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިއީ ސަރުކާރު ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގަތުމާއި، އަދި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އިސްތިޢުފާ ދިނުމާއި ގުޅިގެން، މިއަދު ވެރިކަމުގައި ތިބި ބައެއްގެ ނުރުހުން އެންމެ ބޮޑަށް އޮތް ކުރީގެ ރައީސަށް އަމާޒުކޮށް، ސަޕޯޓަރުންގެ ރުހުން ސަރުކާރަށް އިތުރުކުރުމަށް ހިންގާ ސިޔާސީ ހަރަކާތެއްކަމަށެވެ.

"މިއަދުގެ ސަރުކާރަށް ކޯވިޑް މެނޭޖް ނުކުރެވި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލި، ސަރުކާރު ފެއިލްވުމާއި އެކު، ކޮންމެ ގޮތަކުންވެސް ވެރިކަން ދަމަހައްޓާ އެކްޓިވިސްޓުންގެ ރުހުން ހޯދުމަށްޓަކައި ހުދުމުޚުތާރުކަމާއެކު ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ ކަންންކަން، ބިރު ދެއްކުމުގެ ގޮތުން ފުލުހުން މެދުވެރިކޮށް ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ހުއްޓުވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ." އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އަމަލު ކުރަން އަންގާފައިވާ އުސޫލާ ޚިލާފަށް ސިޔާސީ ހަރަކާތްތައް ބާއްވައި އެ ހަރަކާތްތަކުގައި ބައެއް މީހުން މާސްކް ނާޅައި ގައިދުރުކަމެއް ނެތި އުސޫލާ ޚިލާފު ވެފައިވާތީ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން