ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް
ރޭޕް ކުރުން ފަދަ ކުށްތައް ކުރުމަށް ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި  ވިދާޅުވީ މިދާ ގޮތަށް ގޮސް މިބާވަތުގެ ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވަންދެން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިފަދަ މައްސަލަ ތަކުގެ ޝަރީއަތްތައް އަވަސްކުރަންޖެހޭ ކަމަށެވެ. ޝަމީމް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދަޢުވާތައް ކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

ޕީޖީ އޮފީހުން ބުނީ އެ މީހުންނަކީ ޖުލައި 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަށްވެސް ޕީޖީ އޮފީހުން ދައުވާ އުފުލީ ޖިންސީ ކުށުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން