ކޮވިޑް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ސާމްޕަލް ޓީމް ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ސާމްޕަލް ޓީމް ހަރަކާތްތެރިވަނީ
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީންވާން އެންގި މީހަކު، އެ އަމުރާއި ހިލާފުވެއްޖެ ނަމަ 5000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައަޅައި އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް ބަދަލުގެނެސްފިއެވެ.

ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް ގެނައި އެ އިސްލާހުގައި ބުނެފައި ވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިޙުތިރާމްކޮށް އާންމު ޞިއްޙަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، ކޮންމެ މީހަކު ވެސް ދޭންވާނެ ކަމަށެވެ. އަދި އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، ނުވަތަ އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމްކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފި ނަމަ، އެ ކުރަނީ ކުށެއް ކަމަށް އިސްލާހުކުރި ގަވާއިދުގައިވެއެވެ.

އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2،500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާ ކުރަން ގަވާޢިދުގައި ވަނީ ހިމަނާފައެވެ. ތިންވަނަ ފަހަރުން ފެށިގެން ދެން ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އިސްލާހު ކޮށްފައިވާ ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައިވާ ކަންކަން ތަންފީޒު ކުރާނީ ފުލުހުން ކަމަށާއި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނެތް ރަށެއް ނަމަ އެކަން ތަންފީޒު ކުރާނީ އެރަށެއްގެ ކައުންސިލަކުން ކަމަށްވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން