ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު
ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ބޭއްވި ސައިކަލު ބުރުގައި މާސްކް ނާޅުއްވައި އުޅުއްވި ކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1،000ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ އިދާރާ ކައިރީގައި މީޑިއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއުގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވި ކަމަށް ބުނެ 1،000ރ. އިން ޝުޖާއު ޖޫރިމަނާ ކުރެއްވި ކަމަށެވެ. މުހުތާޒު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވުމުގެ އިތުރުން ތިން ތުހުމަތެއް ކުރި ކަމަށެވެ.

އެއީ ދައުލަތް ހިންގުމަށް ހުރަސް އެޅި ކަމުގެ ތުހުމަތާއި، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނުނަގައި އެއްވުމުގެ ތުހުމަތާއި، އަޑުގަދަކޮށް މީހުންނަށް ބިރު ދެއްކުމުގެ ތުހުމަތު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެއިން ތުހުމަތެއް ސާބިތުވާ މިންވަރަށް އެއްވެސް ހަމަޖެހޭ ހަމަތަކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް މުހްތާޒު ވިދާޅުވިއެވެ.

ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެއްޖެ ކަމަށް ބުނެ ހާޒިރުކޮށް 1،000 ރުފިޔާއިން ޖޫރިމަނާކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ޖޫރިމަނާ ކުރަން ޖެހޭ އުސޫލުން ކުރާނަމަ މަގުމަތީގައި އެއްވެ އުޅުނު ވަގުތު ޖޫރިމަނާ ކުރެވެން ޖެހޭނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބޭއްވި އިހުތިޖާޖާއި ގުޅިގެން ކުރީގެ ރައީސް ވަހީދާއި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ، ޕީޕިއެމްގެ ނާއިބް ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ވެސް ފުލުހަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އެ ކޯލިޝަންގެ އިސްވެރިން ފުލުހަށް ހާޒިރުކުރީ ސަރުކާރާއި ދެކޮޅަށް ބޭއްވި އިހުތިޖާޖް ހަޖަމުނުވެގެން ކަމަށާއި، އެއީ ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން