ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަންނަ އަހަރު ރާއްޖޭގެ އިގްތިޞާދީ ދުވެލި ހުންނާނީ 11 އިންސައްތައާއި 17 އިންސައްތައާއި ދެމެދުގައި ކަމަށް ލަފާކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އިގްތިޞާދީ ދުވެލި މަޑުޖެހިފައި ވީނަމަވެސް މިހާރު ބެލެވެނީ އަންނަ އަހަރު އިގްތިޞާދު ރީބައުންޑް ވެގެންދާނެ ކަމަށް ކަމަށެވެ. އެހެންވީމާ އިގްތިޞާދީ ދުވެލި 11 އިންސައްތަ އާއި 17 އިންސައްތައިގަ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓްގައި ގައުމީ އުފެއްދުންތެރިކަން 7.5 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާކުރެވިފައިވީ ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން 11.5 އިންސައްތައަށް އިގްތިޞާދު ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެެއްވިއެވެ. ނަމަވެސް މިހާރު ލަފާކުރެވެނީ 2021 ވަނަ އަހަރު ޔޫ ޝޭޕް ރިކަވަރީއަކަށް އިގްތިޞާދު ދާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ އިގްތިޞާދީ ހަރަކާތްތައް މިހާރަށްވުރެ ބޮަޑަށް ފުޅާވާނެ ގޮތަކަށް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ފައިދާ އިތުރުވާނެ ގޮތަކަށް ބައްޓަން ކުރެވިގެންދާނެ ބަޖެޓެއް ކަމަށެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ނޭޝަނަލް ޓާސްކް ފޯހެއް ހެދި އިގްތިޞާދު އަލުން ބިނާކޮށް ރީއޮރިއެންޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާނުވެ ރާއްޖޭގައި އިތުރު ސިނާއަތްތައް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް މިހާރު ފަށައިގެން ކުރިއަށް އެބަދާ ކަމަށެވެ.

އެގޮތުގެ މަތިން ތަރައްޤީ ކުރާނެ ސެކްޓަރތައް ކަނޑައަޅާ އެ މަގުން މަސައްކަތްތަކެއް ކުރަމުންދާއިރު މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިޔާދަ ކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް އިތުރު މަސައްކަތްތަކެއް އަންނަ އަހަރު ކުރެވިގެންދާނެ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖޭގައި ވެލިޔު އެޑްކޮށް އެކްސްޕޯޓް ކުރެވޭނެ މެކޭނިޒަމެއް އިތުރަށް ތަރައްޤީކުރުމަށް ރާވާފައިވޭ. އަދި އޭގެއިތުރުން ދަނޑުވެރިކަން ތަރައްގީކުރުމަކީ ވައުދެއް. އެގޮތުން އެގްރިކަލްޗަރ ކުންފުނީގެ ތެރެއިން މަސައްކަތްކުރަން ފެށިފައިވަނީ. ސަރުކާރު ކުންފުނީގެ ތެރެއިން މިބަލަނީ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދެވޭނެކަމަށް. މީގެއިތުރުން މުޅިން އިޔާދަކުރަނިވި ހަކަތައަށް އެބަޖެހޭ ދާން. އެހެންކަމުން އެމަސައްކަތަށް އިތުރު ސޯލަރ އެނަރޖީ ޕްރޮޖެކްޓްތަކަށްވެސް އަދި އިތުރަށް ޓާގެޓް ކޮށްގެން ޑައިވައިސިފިކޭޝަން މަސައްކަތެއް 2021 ވަނަ އަހަރު ފެންނާނެ." ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން