މަޑަވެލީގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވިކަމެއް ނޭގޭކަމުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެޖެއެވެ.

މަޑަވެލީގައި އައިސްޕްލާންޓެއް ގާއިމްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅު ތަންފީޒުކުރެއްވުމަށް މިނިސްޓަރ މިހާތަނަށް ކުރެއްވީ ކޮންކަމެއްތޯ އޮޅުންފިލުވުމަށް އެދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުރެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޒަހާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެފަދަ ވައުދެއް ވެވަޑައިގެންފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ވާހަކަ ރައީސް އޮފީހުން އަންގަވާފައި ނުވާ ކަމުގައި ވަޒީރރު ވިދާޅުވިއެވެ.

"މަޑަވެލީގައި އައިސްޕާލަންޓެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދު ވެފައިވާނަމަ އެކަން އަޅުގަނޑުޖެހޭނީ ބަލާލަން. ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ލިސްޓުގައ އެނަމެއްނެތް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ މިފަދަ އިބާރާތަކުން ވިދާޅުވުމުން މިމައްސަލާގައި ނިޒާމީ މައްސަލައެއް ނަންގަވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ފިޝަރީޒް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ މަޑަވެލީގައި އައިސްޕްލާންޓެއް ޤާއިމްކުރުމުގެ ވައުދެއް ވެފައިވާކަން އެގިވަޑައި ނުގަންނަވާކަމަށް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. މިމައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ރައީސްގެ ވައުދުފުޅު ވެފައިވާކަން ހާމަވާ ވީޑިއޯވެސް މިނިސްޓަރަށާއި، ރައީސް އޮފީހުގެ ޕޮލިސީ ޓީމަށްވެސް ހިއްސާކުރައްވާފައިވަނިކޮށް މިފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަކީ ވަރަށް ދެރަކަމެއްކަމަށް މެންބަރު ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ މި ވީޑިޔޯއަކީ އާންމު ރައްޔިތުންނާއި ދާއިރާގެ ރައްޔިތުންވެސް މިނިސްޓަރ ޒަހާއާއި، މެމްބަރުވެސް ޓެގްކޮށް ވަރަށް ގިނައިން ސޯޝަލް މީޑިޔާގައި ދައުރު ކުރާ ވީޑިޔޯއަކަށްވާއިރު މިކަން ނޭގޭކަމަށް ވިދާޅު ނުވެވޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާސީ ކެމްޕެއިންގައި މަޑަވެލީގައި ބޭއްވި ޖަލްސާގައި އެރަށުގެ މަސްވެރިންގެ އެންމެބޮޑު ކަންބޮޑުވުންކަމުގައިވާ މަސްވެރިންނަށް އައިސްޕްލާންޓެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން މަޑަވެއްޔާއި އެދާއިރާގެ އިތުރުން އަތޮޅުގެ މަސްވެރިންނަށްވެސް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން