ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް ހޯދުމަށް ބޮޑުތަކުލީފްތަކެއް އުފުލަންޖެހޭއިރު، އެލަވަންސް ދިނުމުގައިވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 1 ޑިސެމްބަރު 2019ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޯވިޑް-19 އާ ގުޅިގެން މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ވަޒީފާގެއްލި، ކުލި ނުދެއްކި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ވެސް ފުއްދޭ ވަރު ނުވެގެން ހޯދާ މާލީ އިނާޔަތެއް ހޯދުމަށް ނުވަތަ ސަރުކާރުން އާންމުކޮށްފައިވާ އިންކަމްސަޕޯޓް އެލަވަންސް ހޯދުމަށް އެދުނު މީހުންތެރެއިން މީހަކު "ރަސް އޮންލައިން" އާއި ވަނީ އޭނާ އެލަވަންސް ހޯދުމަށް ކުރި ހިއްދަތި ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާ ބުނީ މަހަކު އެއްފަހަރު ދީފައިވާ މެއިލްއަށް މެއިލްކޮށް، އެޔަށް ރެސްޕޯންޑް ނުކުރުމުން 6 ފަހަރަށް ފޯމު ބަދަލުކޮށް ހުށަހެޅުމުންވެސް ފޯމް ރަނގަޅަށް ހުށަހެޅި ކަމަށް ނުވާކަމަށެވެ.

އަދި ފޯމް ހުށަހަޅައި މިހާތަނަށް އިންކަމް ސަޕޯޓްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އަދަދުގެ ތެރެއިން އަތަށް ލިބިފައިވަނީ އެންމެ 1000 ރުފިޔާކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާއަށް 3000 ރުފިޔާ ލިބެންޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ. މިހާދުވަހު ގަނނަތެޅުވުމަށްފަހު ވިދާޅުވި ވައުދާއި އެއްގޮތަށް މިކަންވެސް ނުކޮށްދެވި ކުރަނީ ޖެއްސުންކަމަށް އޭނާ ވަނީ ބުނެފައެވެ.

"މިއީ އެމީހުން އެބުނާ ގޮތަށް އަދުރޭ ހިސާބު ޖަހާހެއް ހިސާބު ޖަހާ ބައެއް ނޫންތަ. މިއީ އޮޅޭވަރުގެ ހިސާބެއްތަ؟ ދެން ފޯނެއް ނުނަގާ. ސައިޓަކަށް ނުވަދެވޭ. އީމެއިލްއަކަށް ރެސްޕޮންޑެއް ނުކުރޭ. ޓްވީޓަކަށް ރެސްޕޮންޑް ނުކުރޭ. ދެން އެ ބުނާ ބޮޑު ވަޒީރު، މިސަރުކާރު ބްރޯ، ދެއިރު ދެދަޅައަށް މީޑިއާ އަށް އަރާ، އެލަވަންސޭ، ޕޯޓަލްއޭ ، ރައީސް ސޯލިހޭ، މިވެނިއެއްޗެކޭ ކިޔައިގެން ފޮނިކަނޑާއިރު ހީވާނީ އެހެން ކަމެއްހެން. އަހަރެމެން އެއެއްޗެއް ނުނަގައިގެން އުޅޭހެން. އެކަމަކު އޭއްޗެއް ހޯދަން މިޖެހެނީ ސަލާން ޖަހަން. އަޅެ މިސަރުކާރުގެ ހުރިހާ ކަމެއް ހަމަ މިހެންތަ އޮތީ؟" މާޔޫސްވެ ރުޅި ގަދަވެފައި ހުރި ރިސޯޓެއްގައި ވަޒީފާއަދާކުރަމުން ދިޔަ ޒުވާން އަންހެން ކުއްޖަކު ނޫހާ ހިއްސާކޮށްފައި ވެއެވެ.

"ދެން އެންމެ 1000 ރުފިޔާ ހޯދާކަށް ސަލާމެއް ނުޖެހޭނެ. އެމީހުން ވަރަށް ސާފުކޮށް ބުނެފައިވޭ 5000 އަށްވުރެ ދަށުގެ މުސާރަ ލިބޭ މީހުންނާއި، މުސާރައިން އުނިކުރިބައި ކަނޑާފަ 5000 ހަމަވާ ވަރަށް ދޭނަމޭ. ދެން ފޯނެއް ނުނަގާ ސައިޓަކަށް ނުވަދެވޭ، އީމެއިލް އަކަށް ރެސްޕޯންޑެއް ނުކުރޭ. އަހަންނަކަށް ހަފްތާއަކު ހަތްދުވަހު އެމީހުން ފަހަތުން ހައްގުވާ އެއްޗެއް ހޯދަންވިޔަސް ނުދުވޭނެދޯ." ރަސް އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.



އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައަޅާ ގިނަބަޔަކަށް އެލަވަންސް ނުލިބި އަދި ދެއްވާނެކަމަށް ވިދާޅުވި ވަރަށް އެލަވަންސް ނުލިބޭކަމުގެ ޝަކުވާ ސޯޝަލް މީޑީޔާގައިވެސް ދަނީ ހިއްސާ ކުރަމުންނެވެ. މިގޮތުން އިކޮނޮމިކް މިނިސްޓްރީން މިކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓަށް އެކްސެސް ނުވެވޭތާ 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް މިނިސްޓްރީ ޓެގްކޮށް އާންމު ފަރާތަކުން ޝަކުވާ ކޮށްފައިވެއެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ހިއްސާކުރަމުންދާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ޖޮބް ސެންޓަރުން މިހާރުވަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ އިންކަމް ސަޕޯޓު އެލަވަންސުގެ 2 ވަނަ ފިޔަވަހީގެ ދަށުން އިނާޔަތަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ދެވަނަ ފިޔަވަހީގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައިމަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރުމަހަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން