ރައްޔިތުންގެ ނަމުގައި ބިލިޔަނުން ހޯދާއިވާ ފައިސާ ސަރުކާރުން ރައްޔިތުންނަށް ދޭނަމަ ރައްޔިތުން މިއަދު ނިކަމެތި ނުވާނެކަމަށް ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މާލޭގެ މަގުތަކުގައި "ސްޓިކާ ޖެހުމާއި" ދެކޮޅަށް ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޝިޔާމްވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ނުކުމެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ނަމުގައި މިސަރުކާރުން އެތައް ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށާއި އެޔަށް ވީގޮތެއްވެސް ނޭގޭކަމަށެވެ.

ރައްޔިތުން މިއަދު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދަނީ ގޮތް ހުސްވުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ތަކެތީގެ އަގުބޮޑުވެ، އަނގަޔާއި އަތާ ދިމާނުވާ ހިސާބަށް ރައްޔިތުންގެ ހާލަތު މިއަދު ދިއުމުން މަގުތަކަށް ނުކުންނާނެކަމަށާއި އެކަން ނުހުއްޓުވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާލަތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަނެއްކާވެސް ފައިސާ ޗާޕްކޮށްގެން ބާޒާރައް ނެރެންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް އަނެއްކާވެސް ޖައްސާ ބޮޑު ބުރައެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ފައިސާ ޗާޕްކޮށްގެންވެސް ތަކެތީގެ އަގުބޮޑުވުންފިޔަވައި ވީކަމެއް ނެތްއިރު އަލުން އަނެއްކާވެސް ފައިސާ ޗާޕްކުރަން އުޅުމަކީ ކަންބޮޑުވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ދައުލަތާއި ރައްޔިތުން ވިއްކައި ރައްޔިތުން ސަލާމަތް ނުވާވަރަށް ރައްޔިތުންގެ ބޮލުގައި ދަރަނި އެޅުވުމަށްފަހު މިހާތަނަށްވެސް 24 ބިލިޔަނަށްވުރެ ގިނަރުފިޔާ ހޯދާފައިވާއިރު ރައްޔިތުންނަށް މާސްކެއްވެސް ދިއްކޮށް ނުލެވުނުކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު ސަރުކާރުގެ އަމާޒުހުރީ ޤައުމު ވިއްކާލައި ރައްޔިތުން ދަރަނިވެރި ކުރުންކަމަށް ޝީޔާމް ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޗިޓުމައްޗަށް ޗިޓުފޮނުވިޔަސް ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިސަރުކަރާއި ދެކޮޅަށް މިއަށްވުރެ ވަރުގަދަ މުޒާހާރަތައް ބާއްވައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން މަސައްކަތް ކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް ގައިދުރު ކަމެއް ނެތި މާސްކް ނާޅާ އުޅުމުން ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ. އެގޮތުން އިދިކޮޅު އިސް ފަރާތްތައް ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން