އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އަވަައްޓެރި އިންޑިއާއިން ބޭނުމެއް ނެތި ރާއްޖެ އަށް އެހީއެއް ނުވާނެ ކަމަށާއި، އެބޭނުމަކީ އިންޑިއާގެ ސަލަމާތާ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެ އިންޑިޔާ އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ އިންޑިއާއާ އެކު ސަރުކާރުން އޮންނަ ގުޅުމުގެ ތެރެއިން ރާއްޖެއަށް އަންނާނެ ތަރައްގީ ފެނި އެފަރާތްތަކަށް ދެން ވެރިކަމަށް ނާދެވިދާނެތީ ބިރުންދައްކާ ވާހަކަތަކެއް ކަމަށެވެ. ރާއްޖެ އިންޑިއާއަށް ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ވައްކަމާ ނުލައި މި ސަރުކާރުން ތަރައްގީ ގެނެސްދޭނެތީވެ އެކަމާއި ބިރުން އިންޑިއާއާއި ރާއްޖޭގެ ރައްޔިތުން ޖައްސައިގެން މިކަން ކުރެވުނަ ނުދޭން މި ބޭފުޅުން މިމަސައްކަތް ކުރަނީ." ރޮޒައިނާ ވިދާޅުވިއެވެ.

"އިންޑިޔާ އިން ކަމަކާއި ނުލައެއް ނޫން ރާއްޖެއަށް މި އެހީވަނީކީ، އިންޑިޔާ އިން ބޭނުމެއް ނުވޭ އިންޑިއާ ކަނޑުގައި ޖެހިގެން އޮތް ގައުމު ޗައިނާ ކަހަލަ މާދުރުގައި އޮތް ތަނަކުން ހިފައިގަންނާކަށް، ހިފައިގެން އިންޑިއާގެ ދޮރު ބުޑުގައި ޗައިނާ ވެރިކަން ކުރަން ފަށާކަށެއް، އެހެންވީމަ އެ ފުރުސަތު ދޭން ބޭނުންނުވާތީ އަޅުގަނޑުމެންނަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވެސް ފޯރުކޮށްދެނީ. އަޅުގަނޑުމެންނަށް ވެސް އެނގޭ އެއްބަޔަކު އަނެއްބަޔަކަށް ކަމެއް ކޮށްދޭނީ ކަމެއް ނެތި ނޫންކަން. ހަގީގަތުގައި މީގެ ބޭނުމަކީ އިންޑިއާއަށް އެގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ދިވެހި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތީމަ ކަމަށްވާތީ އެކަން ކުރަން އިންޑިއާ އިން ބޭނުންވެގެން އުޅެނީ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖެ އަށް ކުރިމަތިވި ދަތިތަށް ހައްލު ކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދީލަތި އެހީތަކެއް ލިބިފައިވާ ކަމަށެވެ. ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި ޑޮލަރު ލިބޭނެ މަގު ބަންދުވެ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރި ކަމަށާއި، އެހެން ނަމަވެސް ކަން ދިމާވީ އެގޮތަށް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ނޫޅޭ ކާންބޯން ނުލިބިގެންނެއް. ރާއްޖޭގެ ރައްޔިތުން ނޫޅޭ ސިއްހީ ފަރުވާ އަށް ބޭނުންވާ ބޭސްތަކާއި އެއްޗެހި ނުލިބިގެންނެއް." ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާއިން އައްޑޫގައި އަސްކަރީ ބޭހެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރޮޒައިނާ ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ އައްޑޫގައި އިންޑިއާ ސަރުކާރުން ހަދަނީ ފުލުހުންގެ ޓްރޭނިންގ ސުކޫލެއް ކަމަށާއި، އެ ޓްރޭނިންގ ސުކޫލު ނިމުމުން ފުލުހުންގެ ތަމްރީނުތައް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވެ އެސަަރަހައްދުގެ އިގްތިސާދަށް ހެއު ބަދަލުތަކެއް އަންނާނެ ކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫގައި ހަދާ ޓްރޭނިންގ ސުކޫލުގައި ކަސްޓަމްސް އިމިގްރޭޝަން އަދި އެހެން އިދާރާތަކުގެ ޓްރޭނިންގ ތައް ބޭއްވުމަށް ސަރުކާރުން ވިސްނަމުންދާކަން ރޮޒައިނާ ހާމަކުރެއްވިއެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު އަދި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ އެހީ އިންޑިޔާ އިން ވަނީ ރާއްޖެ އަށް ދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އިންޑިއާއިން ނިންމާފައިވާއިރު އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ. އަދި ބްރިޖް މަޝްރޫއަށް ދިން 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ ފައިސާ އަކީ ލޯނެކެވެ. މި އެހީގެ އިތުރަށް ވެސް އިންޑިއާއިން ރާއްޖެއަށް ދޭ ކްރެޑިޓްލައިނެއްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން