ޓުއަރިޒަމް މިނިސްޓަރ ޑރ އަބުދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާފައި ވަނީ، ޤާނޫނާއި ޚިލާފަށް ކަމުގައި ރައްޔިތުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން މަޤާމުގެ ހުވާ ޑރ.މައުސޫމް އަލުން ކުރައްވައި ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުމުންވެސް މިދައުރުގައި ރުހުން ލިބޭގޮތެއް ނުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަދުގެ ޖަލްސާއިން ޑރ.މައުސޫމަށް ރުހުން ދެވެން ނެތްކަމަށެވެ. އަދި މިމައްސަލަ މިއަދު ކޮމިޓީއަށް ފޮނުއްވާނެކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. މިއަދު މައުސޫމަށް ރުހުން ނުދެވުމުން ދެން މައުސޫމަށް މަޖިލީހުން ރުހުން ދެވޭނީ ދެން އަންނަ ދައުރެއްގައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަނުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިމައްސަލަޔަކީ މިއަދުން މިއަދަށްވެސް މަޖިލީހުގެ ރިޔާސަތުން ބޭނުންވެއްޖެނަމަ ވޯޓަށް އަހައި ނިންމާލެވޭނެ މައްސަލައެއްކަމަށެވެ. ނަމަވެސް ރިޔާސަތުން އެކަމަށް ތާއީދުކުރައްވާފައެއް ނުވެއެވެ. ރިޔާސަތުން ވިދާޅުވީ ގަވާއިދު ބުނާގޮތުން ކޮމިޓީއަށް 3 ދުވަސްދޭންޖެހޭކަމަށާއި، މިއަދު ވޯޓަށް އެހޭނީ ކޮމިޓީއަށް މައްސަލަ ފޮނުވުމަށްކަމަށެވެ.

ޑރ.މައުސޫމް އަލުން ވަޒީރުކަމުގެ ހުވާކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ. ޑރ.މައުސޫމަށް ވަޒީރު ކަމުގެ ރުހުން ދިނުމަށް އެންމެ ފުރަތަމަ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓާއިމެދު ޤާނޫނީ ސުވާލުތަކެއް މެމްބަރުން ވަނީ އުފައްދާފައެވެ.

ޑރ.މައުސޫމް އަލުން ހުވާކުރައްވައި މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާފައިވަނީ މިއަދު އެވެ. އަދި މިއަދު ކޮމިޓީން މިމައްސަލާގައި ގޮތެއް ނިންމައި ވޯޓް ގަޑީގައި މައުސޫމަށް ރުހުން ދިނުމާއި ގުޅޭގޮތުން ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި އިރު އެނގިފައިވާ ގޮތުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. އެކަމާ މަޝްވަރާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ އެކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރުމުން އެއްވެސް ޝައްކެއް ނުބޭއްވުމަށް އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރައްވައި، މަޤާމުގެ ފަތްކޮޅު އެންމެ ފުރަތަމަ ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން