ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އައިލެންޑް އޭވިއޭޝަން އޮތީ 2 ބިލިއަން ރުފިޔާގެ ދަރަންޏެއްގައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީން ވިދާޅުވީ، އައިލެންޑް އޭވިއޭޝަން އަކީ ކުންފުނި އުފެދުނީއްސުރެ ބަރާބަރަށް ދައުލަތަށް ޑިވިޑެންޓް ދައްކަމުން 23 މަތިންދާ ބޯޓު ހޯދައި، 2018 ވަނަ އަހަރު ނިމުމާއި ހަމައަށް ރަނގަޅު މިސްރާބެއްގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށެވެ.

ނަމަވެސް، އޭގެފަހުން ކުންފުނިވަނީ މެނޭޖު ނުކުރެވޭފަދަ ބައެއްގެ އަތްދަށަށް ދިޔުމާ ގުޅިގެން ވަރަށް ދަށް ހިސާބަކަށް ގޮސްފައި ކަމަށާއި އެގޮތުން، 2012 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަނުން އޮޕަރޭޓް ކުރަމުން ގެންދިޔަ މާލޭ-ޗެންނާއީ ޑާކާ، ޑާކާ ޗެންނާއީ- މާލެ ސެކްޓަރ އޮތީ ހުއްޓިފައި ކަމަށް އަމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ސީޕްލޭންގެ ވަރަށް ގިނަ ކޮންޓްރެކްޓްތައް އެ ކުންފުނިން ވަނީ ގެއްލިފައި ކަމަށާ 2013 ގައި ފެށިފައި އޮތް ޗައިނާ އޮޕަރޭޝަންސް ވެސް އޮތީ ހުއްޓިފައިކަމަށް އަމީން ވިދާޅުވިއެވެ.

“ކުންފުނީގައި އޮތް އެންމެ ރަނގަޅު އެއަރބަސް، އެއީ އެއަރބަސް އޭ 321، 2022 ވަނަ އަހަރު އެތައް މިލިއަން ޑޮލަރަކާ އެކީ ހަރަދުކޮށްގެން ރިޓަރން ކޮންޑިޝަނަށް ގެނެސްވެސް އެ ބޯޓު އޮތީ ދޫކޮށްލެވިފައި. މިއީ ކަންތައްތައް ހިނގާފައި އޮތް ގޮތް. ބޭނުންކުރަމުންދިޔަ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޑުތަކުގެ ތެރެއިން ސްޕެއަރ ނަގަމުން ނަގަމުން ނަގަމުން ގޮސް، 2023 ވަނަ އަހަރު ނިމުނުއިރު 4 މަތިންދާ ބޯޓު ބޭނުން ނުކުރެވޭ ހާލަތަށް އައިސް ބިންމައްޗަށް އޮތީ ދޫކޮށްލެވިފައި” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިދިޔަ ސަރުކާރުގައި އުސޫލެއް ނެތި އަދި ބެލުމެއް ވެސް ނެތި މިލިއަނުގެ އަދަދުތަކުން ގާތް ފަރާތްތަކަށް އެ ކުންފުނިން ކުރެޑިޓް ދީފައިވާ ކަމަށާއި އެ ފައިސާ ހޯދޭތޯ މިހާރު ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ރަނގަޅަށް މެނޭޖު ކުރެވެމުންއައި ކުންފުންޏެއް މެނޭޖު ނުކުރެވޭވަރުގެ ބައެއްގެ އަތްމައްޗަށް ދޫވުމާ ގުޅިގެން ކުންފުނީގެ ބޮޑެތި އެސެޓްތައް ވެސް އަޅާނުލެވި ދޫކޮށްލެވިފައިވާ ކަމަށާއި ކުންފުނި 2 ބިލިއަނުގެ އަދަދަކުން ދަރާފައި ވާކަމަށެވެ.

ނަމަވެސް، މިހާރު ކުންފުނިން ދަނީ އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އަމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން