އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމަކީ މުޅި ދެކުނު އޭޝިއާއަށް ލިބުނު ހިތާމައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ސިފަ ކުރައްވައިފިއެވެ.

އިންޑިއާގެ އާރމީސް ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޯމަ ދުވަހުގެ ވަގުތެއްގައި ޕްރަނާބް މުކަރުޖީ ވަނީ އަވަހާރަވެފައެވެ. އެކަމާ ގުޅިގެން ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރަނާބްގެ އާއިލާއާއި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސް ސޯލިޙު ވަނީ ޕްރަނާބް މުކަރުޖީގެ ޤާބިލިއްޔަތުކަމަށް ތައުރީފު ކުރައްވައި، އެމަނިކުފާނު އަވަހާރަވުމަކީ އިންޑިއާގެ އިތުރުން، މުޅި ދެކުނު އޭޝިއާއަށް ވެސް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރު އިންޑިއާގެ ރައީސްކަން ކުރެއްވި ޕްރަނާބް މުކަރުޖީ ވަނީ ސިޔާސީ ދާއިރާގައި ގާތްގަނޑަކަށް 50 އަހަރު ހޭދަ ކުރައްވާފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޕްރަނާބް މުކަރުޖީގެ ސިކުނޑިފުޅުގައި ލޭ ކޮޅެއް ގަނޑުވެފައިވާއިރު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ. އަދި ޕްރަނާބުގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާއިރު، އެމަނިކުފާނު އޭރު ގެންދެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވެންޓިލޭޓަރުގައި ފަރުވާ ދެއްވަމުންނެވެ. އިންޑިޔާގެ ކުރީގެ ރައީސް އަވަހާރަވީ ކޯމާ އެއްގައި އޮންނަވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން